އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ބާއްވާ އެތެރޭގެ އިންތިހާބުގެ ފޯރިގަދަވެ، ވާދަވެރި ކެމްޕެއިނަކަށް އެ ޕާޓީން ތައްޔާރުވެއްޖެއެވެ.
ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލް އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ މި މަގާމަށް ދާއިމީ ބޭފުޅަކު އައްޔަނުކުރެވެންދެން، މިހާރު ޕާޓީ ހިންގަމުންދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ކޮންޓްރޯލް އޮންނަ ވަގުތީ ކޮމިޓީއަކުންނެވެ. ފުރަތަމަ ވަގުތީ ޗެއާޕާސަނެއްގެ ގޮތުގައި އަބްދުލްޣަފޫރު މޫސާ ހުންނެވި ނަމަވެސް، އޭނާގެ ނިންމުންތަކާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ޕާޓީ ބައިބައިވިޔަ ނުދިނުމަށްޓަކައި ވަގުތީ ކޮމިޓީއަކާ ޕާޓީ ހިންގުން ހަވާލުކުރަން މަޖުބޫރުވީއެވެ.
މި މުހިންމު އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ތިން ބޭފުޅަކު ވަނީ އިއުލާނުކުރައްވާފައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މެންބަރު މީކާއީލް ނަސީމްގެ އިތުރުން ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީއެވެ. ރައީސް ނަޝީދު މިހާރު ވެސް ވަނީ އަތޮޅުތެރެއަށް ދަތުރުތައް ފައްޓަވައި، އާންމު މެންބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. މީކާއީލް ނުކުންނަވަނީ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމާއެކު ޕާޓީ ރޫޅާނުލާނެކަމުގެ ވައުދާއެކުގައެވެ. އަދި ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ އަލްހާން ފަހުމީ ވެސް ޖޯޝާއެކު ވަރުގަދަ ކެމްޕެއިނެއް ހިންގަވާނެކަމަށް ބެލެވެއެވެ.
މި އިންތިހާބުގެ ކެމްޕެއިން ފެށިފައިވާއިރު، ކުރީގެ ދެ ޗެއާޕާސަނުން ކަމަށްވާ ފައްޔާޒް އިސްމާއީލާއި މާރިޔާ އަހުމަދު ދީދީގެ ފުރިހަމަ ތާއީދު އޮތީ ރައީސް ނަޝީދަށެވެ. ނަމަވެސް، މި އިންތިހާބުގައި އެންމެންގެ ލޯ އަމާޒުވެފައިވަނީ ރައީސް ސޯލިހުގެ ނިންމެވުމަށެވެ. ޕާޓީގެ ތެރޭގައި އެމަނިކުފާނުގެ ނުފޫޒު ދެމެހެއްޓެވުމަށްޓަކައި ވަފާތެރި ބޭފުޅަކު ހޮވުން މުހިންމުވާއިރު، ގިނަ ބަޔަކު ލަފާކުރާ ގޮތުގައި ރައީސް ސޯލިހުގެ ތާއީދު އޮންނާނީ މީކާއީލަށެވެ. އެމަނިކުފާނު ސީދާ ވަކި ކޮޅެއް ނުނެންގެވި ނަމަވެސް، އަރިސް ބޭފުޅުންގެ އަމަލުތަކުން އެކަން ސާފުވެގެންދާނެއެވެ. ކޮންމެއަކަސް، ޕާޓީގެ އެންމެ އިސް މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ މި އިންތިހާބު ވެގެންދާނީ ވަރަށް ވާދަވެރި އަދި ފޯރިގަދަ އިންތިހާބަކަށެވެ.
ކޮމެންޓު ފޮނުވާ