ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ނަޒާހަތްތެރިކަން އިތުރުކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މުހިންމު މަޝްވަރާތަކެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އޭސީސީން 'އެކްސް' ގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ބައްދަލުވުމުގައި ވަނީ ކުންފުނިތަކުގެ ހިންގުންތެރިކަން މިހާރަށްވުރެ ފުރިހަމަކުރުމަށް ގިނަ ކަންތައްތަކަކާ މެދު ވާހަކަދެކެވިފައެވެ. އެގޮތުން، ޕީސީބީން އެކުލަވާލާފައިވާ ޕްރޮކިއުމަންޓް އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށްޓަކައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ތެރޭގައި އެކަންކަން ހިމެނުމަށާއި، މިހާރު ހިންގަމުންދާ ތަމްރީނު ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، ކުންފުނިތަކުގެ މާލީ ދާއިރާއާއި ޕްރޮކިއުމަންޓްގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހާއްސަކޮށްގެން މަޖުބޫރު "އިންޑަކްޝަން" ނުވަތަ ތައާރަފީ ޕްރޮގްރާމްތަކެއް ފެށުމާ ގުޅޭގޮތުންވެސް ދެ މުއައްސަސާއިން ވަނީ ހިޔާލު ބަދަލުކޮށްފައެވެ. މި ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވައި، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް އޭސީސީން ދެކެއެވެ.
ކޮމެންޓު ފޮނުވާ