ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅުއްވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދައުލަތް ހިންގުމުގެ ނިޒާމުގައި ހަރަކާތްތެރިވާ ސިޔާސީ މުވައްޒަފުންނަކީ ގާބިލު، މެރިޓަށް އިސްކަންދީގެން އައްޔަންކުރެވޭ ބަޔަކަށް ހެދުން ކަމަށެވެ. އެގޮތުން، މީގެ ފަހުން ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އައްޔަންކުރައްވާނީ މަދުވެގެން މާސްޓާސް ޑިގްރީއެއް އޮންނަ ބޭފުޅުންނެވެ. އަދި ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް ގެންނަވާނީ އެ ބޭފުޅަކު މަސައްކަތްކުރައްވާ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅުންކަން ކަށަވަރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސީ މުވައްޒަފުންގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަވަން ވަނީ ނިންމަވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ ސައިޒު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މުވައްޒަފުން މަދުކުރާނީ ވަކި އަމާޒަކަށް ބަލައިގެން ނޫނެވެ. އޭގެ ބަދަލުގައި ބަލާނީ މުވައްޒަފުންގެ ޕާފޯމަންސަށާއި، ގަޑިއަށް ފަރުވާތެރިވާ މިންވަރަށެވެ. ކުރީ ސަރުކާރުން ސިޔާސީ ބޭނުމަށް ފެނަކަ ފަދަ ކުންފުނިތަކަށް ނަގާފައިވާ މުވައްޒަފުންގެ މައްސަލަ ހައްލުކުރަންޖެހޭކަން ފާހަގަކުރައްވައި، ކުންފުނިތަކުގެ 33 އިންސައްތަ މުވައްޒަފުން މަދުކުރެވިދާނެ ކަމަށް ލަފާކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ފަހުން ކުންފުނިތަކަށް މުވައްޒަފުން ނަގާނީ ހަމައެކަނި ހުޅުވާލެވިފައިވާ އިއުލާނުތަކުގެ ތެރެއިންކަން ހާމަކުރައްވަމުން، ސިޔާސީ ނުފޫޒުން ވަޒީފާ ދިނުމުގެ ސަގާފަތް ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ގާނޫނުއަސާސީން ރައީސަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު ލިބިދީފައި އޮތް ނަމަވެސް، އެ ބާރުގެ ބޭނުންކުރައްވާނީ ގައުމީ މަސްލަހަތާއި މަސައްކަތުގެ ބޭނުންތެރިކަމަށް ބިނާކޮށްކަމަށް ވިދާޅުވިއެވެ. މިއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް ގެންނަވާ މުހިންމު އިސްލާހީ ބަދަލުތަކެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ