ޗައިނާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ ވަކި ޝަރުތުތަކަކާއެކު: ސައީދު

ޗައިނާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ ވަކި ޝަރުތުތަކަކާއެކު: ސައީދު

Author
ޙަސަން މުޙައްމަދު
20 އޭޕްރިލް 2026 10:23
0

ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ދަށުން، ޗައިނާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިކޮށް ހަރަކާތްތެރިވެވޭނީ ކަނޑައެޅިފައިވާ ވަކި ޚާއްޞަ ޝަރުތުތަކެއްގެ މަތިން ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، 2017 ވަނަ އަހަރު ސޮއިކުރެވުނު މި އެއްބަސްވުން އެކުލަވާލާފައިވަނީ ރާއްޖޭގެ އެކި ސިނާއަތްތަކުގެ ތަޖުރިބާކާރުންނާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެކުލަވާލި ފޮރިން އިންވެސްޓްމެންޓް ޕޮލިސީތަކާއި މި އެއްބަސްވުމާ ދެމެދު ތަފާތުތަކެއް ހުރެދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އާންމު އުސޫލެއްގެ ގޮތުން ރެސްޓޯރެންޓް ވިޔަފާރިއަކީ ހަމައެކަނި ދިވެހިންނަށް ކުރެވޭގޮތަށް ޚާއްޞަކޮށްފައިވާ ދާއިރާއެއް ނަމަވެސް، ބައިނަލްއަޤުވާމީ ފްރެންޗައިޒްތަކަށް ފޮރިން އިންވެސްޓްމެންޓް ޕޮލިސީގައި ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ތެރެއިން ރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުސަތު އޮންނާނެކަން މިނިސްޓަރ ސާފުކޮށްދެއްވިއެވެ. އެގޮތުން ބައެއް ރިސޯޓުތަކާއި އެއާޕޯޓުތައް ހިންގާ ސަރަހައްދުތަކުގައި ފްރެންޗައިޒްތަކަށް ވިޔަފާރިކުރުމުގެ ޖާގަ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު އަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންވެސް، ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ވިޔަފާރިކުރެވޭނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކާއި ޝަރުތުތަކުގެ ތެރެއިން ކަމަށް މިނިސްޓަރ ސައީދު ވަނީ ތަކުރާރުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.