11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 16 އަހަރަށް ޖަލަށް

11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 16 އަހަރަށް ޖަލަށް

Author
ޙަސަން މުޙައްމަދު
19 އޭޕްރިލް 2026 03:32
0

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 16 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ޖަލު ޙުކުމެއް އިއްވާފައިވަނީ މާލެ، މ. މުނިޔާގެ، އުމުރުން 47 އަހަރުގެ މުޙައްމަދު އަނިލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންނަށް މައްސަލަ ރިޕޯޓުކުރުމާއެކު ހިންގި ތަޙުޤީޤަށްފަހު، ކޯޓަށް ހުށަހެޅުނު ހެކިތަކާއި ޤާނޫނީ ބަހުސްތަކަށް ރިޢާޔަތްކޮށް އަނިލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ޙުކުމް އިއްވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

އަނިލްގެ މައްޗަށް 16 އަހަރުގެ ޖަލު ޙުކުމެއް ކަނޑައެޅި ނަމަވެސް، މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހޭދަކުރި 4 މަހާއި 19 ދުވަސް އެ ޙުކުމުން ވަނީ އުނިކޮށްފައެވެ. އެހެންކަމުން، އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު ޙުކުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.