ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ކައުންސިލްތަކުން ހުރަސްއަޅާނަމަ، އެކަން ސިއްރު ނުކުރައްވައި ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅުގެ ބައެއް ރަށްރަށުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ފިކުރެއްގެ ކައުންސިލަކާއެކުވެސް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަ ބައެއްކަން ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، ތަރައްޤީގެ މަޝްރޫޢުތަކަށާއި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކައުންސިލަކުން ހުރަސްއަޅައިފިނަމަ، ކޮންމެ ހޯމަ ދުވަހަކު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފްސީލްތައް ޙިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ކައުންސިލްތަކުން އެއްބާރުލުން ނުދިން ކަމުގައިވިޔަސް، ޤާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން ފަސްނުޖެހޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ދާދިފަހުން އެމްޑީޕީން މެޖޯރިޓީ ހޯދި މާލޭ ސިޓީ ކައުންސިލަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، އެ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ދޭނެކަމުގެ ނިޝާނެއް ނުފެންނަ ކަމަށެވެ. އަލަށް އިންތިޚާބުވި ބައެއް ކައުންސިލަރުން މަގުމައްޗަށް ނުކުމެ، އަޚްލާޤީ މިންގަނޑުން ބޭރުން ހަޑިހުތުރު ބަސްތައް ބޭނުންކޮށްގެން އިހުތިޖާޖުކުރާތަން ފެންނަމުންދާ ކަމަށާއި، ރައްޔިތުން ވޯޓުދިނީ އެފަދަ ކަންކަން ކުރުމުގެ ބަދަލުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ދީނާއި ޤައުމު އިސްނުކުރާކަމަށް ތުހުމަތުކުރައްވައި ރައީސް ވަނީ، ކޮންމެ ޕާޓީއަކުން އިންތިޚާބުވި ނަމަވެސް ކައުންސިލަރުންގެ އެންމެ އިސް ވާޖިބަކަށް ވާންވާނީ ރައްޔިތުންނަށް ޚިދުމަތްކުރުން ކަމުގައި ވިދާޅުވެފައެވެ. ސިޔާސީ ޕާޓީއެއްގެ ފިކުރު ޤައުމާއި ދީނާ ފުށުއަރާނަމަ، ޕާޓީ ދޫކޮށްލުމަށްފަހު ޤައުމީ މަސްލަހަތު އިސްކުރުމަށް އެމަނިކުފާނު ވަނީ ކައުންސިލަރުންނަށް ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ