އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުމައްޗަށް ނުކުމެ ކުރަމުންދާ މުޒާހަރާތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އއ. ރަސްދޫގައި އޮތް ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފަހުން ބޭއްވި އިންތިޚާބުތަކުގައި ސިޓީތަކުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ނަމަވެސް، ރައްޔިތުން އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓުދިނީ މަގުމައްޗަށް ނުކުމެ ހަޑިހުތުރު ބަހުން މުޒާހަރާކުރަން ނޫން ކަމަށެވެ. މާގާމާ ހަވާލުވުމުގެ ކުރިން ފަށާފައިވާ މި މުޒާހަރާތަކަކީ ދީނީ އަދި އަޚުލާޤީ މިންގަނޑުތަކާ ވެސް ޚިލާފު އަމަލުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުން އިދިކޮޅަށް ވޯޓުދިނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ހަވާލުވެ ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އިދިކޮޅުގެ އަމަލުތައް މިހާރު ހުރިގޮތުން، ކުރިއަށް އޮތް ތަނުގައި މާލެ ސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ލިބޭނެކަމަށް ޤަބޫލުފުޅުނުކުރެއްވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، އިދިކޮޅު މެންބަރުން ހޮވިފައިވާ ރަށްރަށަށްވެސް ތަފާތުކުރުމެއްނެތި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބި، ހަމަހަމަކަމާއެކު ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ކައުންސިލް އިންތިޚާބަށްފަހު އެމްޑީޕީން އިސްވެ މާލޭގައި ކޮންމެ ރެއަކު އަންނަނީ ސިލްސިލާކޮށް މުޒާހަރާކުރަމުންނެވެ. އަދި އެ ފަރާތްތަކުން ދަނީ ރައީސް އިސްތިއުފާދެއްވައި، އިންތިޤާލީ ސަރުކާރެއް އެކުލަވާލުމަށްވެސް ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ