ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންގެ މަޤާމަށް، މިނިސްޓަރުންގެ ފެންވަރުގައި މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މި މަޤާމަށް ޢައްޔަންކުރެއްވި މުންދުއަކީ ސަރުކާރުގެ މަތީ މަޤާމުތަކުގައާއި ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން އޭނާ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި، ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ވެސް ކުރައްވާފައެވެ. ސަރުކާރުގެ ތަރުޖަމާނުގެ މަޤާމާ މިއަދު ހަވާލުވެވަޑައިގަތުމުގެ ކުރިން، މުންދު އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް (ޔޫއޭއީ) ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.
ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމާއި ތަރުޖަމާނުކަމުގެ ދާއިރާއަކީ މުންދުއަށް އައު ދާއިރާއެއް ނޫނެވެ. އޭނާ ވަނީ 2005 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން އަދި 2007 އިން 2008 އަށް ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން، ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައި ވެސް އޭނާ ވަނީ ވަރަށް މުހިންމު އިސް ދައުރެއް އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ