ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު: 6،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބޭ

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު: 6،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބޭ

Author
ޙަސަން މުޙައްމަދު
15 އޭޕްރިލް 2026 07:36
0

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 6،093 މީހަކަށް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

މި އިންތިޚާބުގައި ޖުމްލަ 14 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި މާލޭގައި ބަހައްޓާ ފޮށިތައްވެސް ހިމެނެއެވެ. އެގޮތުން ހއ. ކެލާ، ލ. މާވަށް އަދި ފުވައްމުލަކު ސިޓީގެ ދަޑިމަގު އަވަށުގައި ކޮންމެ ރަށަކަށް ދެ ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، ހދ. ނޭކުރެންދޫ އާއި ބ. ދޮންފަނުގައި ކޮންމެ ރަށަކަށް ބަހައްޓާނީ އެއް ފޮއްޓެވެ. ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، މިއަދު މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުތަކުގައި ސޮއިކުރުމުގެ ފުރުސަތު އިންތިޚާބާ ބެހޭ މަރުކަޒުގައި ވަނީ ހުޅުވާލާފައެވެ.

މިފަހަރުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މައިގަނޑު ފަސް ދާއިރާއެއްގައެވެ. އެއީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ ކައުންސިލަރު ގޮނޑީގެ އިތުރުން ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަޤާމުތަކަށެވެ.

އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެންމެ ގިނަ ބަޔަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 1،729 މީހުންނާއެކު ކެލާ ދާއިރާގައެވެ. ދެން އެންމެ ގިނަ މީހުންނަށް ވޯޓުލެވޭނީ މާވަށު (1،556)، ދަޑިމަގު (1،311)، ނޭކުރެންދޫ (1،056) އަދި ދޮންފަނު (441) ގައެވެ. ފުރަތަމަ ބުރުގައި ވޯޓު އެއްވަރުވުމާއި އެހެނިހެން ޤާނޫނީ ސަބަބުތަކާ ހުރެ އަލުން ބާއްވަންޖެހުނު މި އިންތިޚާބުގެ އެންމެހާ ތައްޔާރީތައް އީސީން މިހާރު އަންނަނީ ފުރިހަމަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.