އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން، ޔުރޭނިއަމް މުއްސަނދިކުރުން ފަސް އަހަރުގެ މުއްދަތަކަށް މެދުކަނޑާލަން އީރާނުން ހުށަހަޅައިފިއެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ކުރިއަށްދާ މި މަޝްވަރާތަކުގައި އެމެރިކާއިން ފުރަތަމަ އެދުނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރަށް ހުއްޓާލުމަށެވެ. ނަމަވެސް އީރާނުން ވަނީ އެކަމަށް ދެކޮޅު ހަދައި، އެ މުއްދަތު ފަސް އަހަރަށް ކުޑަކުރުމަށް ކައުންޓަރ ހުށަހެޅުމެއް ހުށަހަޅާފައެވެ.
މި މަޝްވަރާތަކުގައި ދެ ފަރާތުގެ މެދުގައި އަދިވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އީރާނުގެ ނިއުކްލިއާ އިންފްރާސްޓްރަކްޗަރ އެއްކޮށް ނައްތާލުމާއި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ މަގުތައް އަލުން ހުޅުވާލުމާއި، އަދި ހަމާސް އާއި ހިޒްބުالله ފަދަ ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަން ހުއްޓާލުން ފަދަ ކަންކަމުގައި ދެބަސްވުންތައް އުޅޭކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ މަޝްވަރާ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފޮކްސް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާނާއެކު ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް ދެން އޮތް އެންމެ ބޮޑު ސުވާލަކީ އީރާނުން މިކަމުގައި ދޫދޭނެ މިންވަރެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު މަޝްވަރާތަކެއް ބާއްވާނެތޯ ނިންމާނީ އީރާނުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްވަރާތައް ކުރިއަށް މިދަނީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭކަމަށް ހުޅަނގުން ތުހުމަތުކުރާ ދަނޑިވަޅެއްގައެވެ. މި ތުހުމަތުތަކާ ގުޅިގެން މިދިޔަ މަހާއި މިދިޔަ އަހަރުގެ ޖޫން މަހުވެސް އެމެރިކާ އާއި އިސްރާއީލުން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާތަކެއް ދީފައެވެ. އީރާނުން ބުނަމުންދަނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ، ޔުރޭނިއަމް ފައްކާކުރާ މިންވަރު ދަށްކުރުމަށް އެގައުމު އޮތީ ތައްޔާރަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ