ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ރާއްޖެއަށް ތެޔޮ ލިބުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ދެއްވައިފިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ޚާއްޞަ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދައުލަތުން ތެލާއި ގޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ސުލްހައިގެ ވާހަކަތަކަށް ޖާގަދިނުމުގެ ގޮތުން އޭޕްރީލް 8 އިން ފެށިގެން ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލާފައިވާއިރު، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ވަނީ ސުލްހަ ގާއިމުކުރުމާ ގުޅޭގޮތުން 21 ގަޑިއިރުގެ ދިގު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.
ހަނގުރާމަ ފެށުނު ދުވަސްވަރު ސަރުކާރުން ވަނީ ސިންގަޕޫރުން އާންމުކޮށް ގެންނަ ވަރަށްވުރެ އިތުރަށް ރާއްޖެއަށް ތެލުގެ ޝިޕްމެންޓްތައް ގެނެސް، އެހެން ސަރަހައްދުތަކުންވެސް ތެޔޮ ލިބޭނެ މަގު ފަހިކޮށްފައެވެ. ނަމަވެސް މިހާރު ތެޔޮ އެތެރެކުރަމުން ދަނީ އާންމުކޮށްވެސް ގެންނަ ފަރާތްތަކުން ކަމަށާއި، ހަނގުރާމަ އެއްކޮށް ހުއްޓާނުލާތީ ތެލުގެ އަގަށް ބޮޑު ބަދަލެއް އަންނާނެކަމަށް ލަފާނުކުރެއްވޭ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ތެލުގެ އަގު އުފުލުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖެއަށް ތެޔޮ އެތެރެކުރަނީ ހަމައެކަނި އެސްޓީއޯއިން ނޫންކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް ގެއްލުން ނުވާނެހެން ތެލުގެ އަގަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ހަނގުރާމަ ފެށުނު ފަހުން އަމިއްލަ ކުންފުނިތަކުންވެސް އިތުރު ދެ ޝިޕްމެންޓް ގެނެސްފައިވާއިރު، ތެޔޮ އެތެރެކުރުމުގެ ކަންކަން ކުރިއަށްދަނީ އެސްޓީއޯއަށް މާބޮޑު ބުރައަކަށް ނުވާނެހެން ދެމެހެއްޓެނިވި ގޮތެއްގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ