ސިނާންގެ ގޮނޑި ގެއްލުމާ އެކު، ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރަން ސޯބެ ޝައުގުވެރިވެއްޖެ

ސިނާންގެ ގޮނޑި ގެއްލުމާ އެކު، ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރަން ސޯބެ ޝައުގުވެރިވެއްޖެ

Author
ހުސައިން
12 އޭޕްރިލް 2026 03:26
0

ސުޕްރީމް ކޯޓުގެ ހުކުމަކުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މިއަދު ހުސްވުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލުނުކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކަނޑައެޅީ، ސާބިތު ދަރަންޏެއް ނުދައްކަވައި އޮތުމުންނެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ އިސްލާމިކް ބޭންކުން ނެންގެވި ލޯނަކާ ގުޅިގެން ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، އޮކްޓޫބަރު 2024 ގައި ކޮށްފައިވާ ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާ މައްސަލައެވެ. ފަނޑިޔާރު އައިޝާ ޝުޖޫން އިއްވެވި މި ހުކުމާއެކު ސިނާންއަށް ވަނީ މަޖިލީހުގެ މެމްބަރުކަން ގެއްލިފައެވެ.

މަޖިލީހުގެ ގޮނޑި ހުސްވުމާއެކު، އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުން ސޯބެ ވިދާޅުވީ، އޭނާ އަބަދުވެސް މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި ކުރިއަށްދެވޭނެ ގޮތްތައް އަބަދުވެސް ބައްލަވަމުން ގެންދަވާކަމަށް، މިހާރުވެސް އެމްޑީޕީގެ ހިތަދޫ ދާއިރާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ސޯބެ ވިދާޅުވިއެވެ.

ސޯބެ ވަނީ 2011 އިން ފެށިގެން 2021 އާ ހަމައަށް އައްޑޫ ސިޓީގެ މޭޔަރުކަން 10 އަހަރު ވަންދެން ކުރައްވާފައެވެ. އޭގެ ފަހުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އޭނާ ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާގޮތުން، މަޖިލީހުގެ ގޮނޑިއެއް ހުސްވާތާ ފަސް ދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަންޖެހޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.