އާޓެމިސް 2 ގެ ފަޅުވެރިން ސަލާމަތުން ދުނިޔެއަށް އެނބުރި އައުމާއެކު ތާރީޚީ ކާމިޔާބީއެއް

އާޓެމިސް 2 ގެ ފަޅުވެރިން ސަލާމަތުން ދުނިޔެއަށް އެނބުރި އައުމާއެކު ތާރީޚީ ކާމިޔާބީއެއް

Author
ޙަސަން މުޙައްމަދު
11 އޭޕްރިލް 2026 10:46
0

ހަނދަށް އިންސާނުން ފޮނުވުމަށް އެމެރިކާގެ ނާސާއިން ކުރިއަށްގެންދާ "އާޓެމިސް 2″ މިޝަންގެ ހަތަރު އެސްޓްރޮނޯޓުން ނުވަ ދުވަހުގެ ތާރީޚީ ދަތުރަކަށްފަހު ސަލާމަތުން ދުނިޔެއަށް އެނބުރި އައިސްފިއެވެ.

އޮރަޔަން ޖައްވީ އުޅަނދުގައި ކުރި މި ދަތުރު ނިންމާލުމަށްފަހު، އެމެރިކާގެ ސެން ޑިއެގޯގެ އައްސޭރިފަށާ ގާތްގަނޑަކަށް 30 ކިލޯމީޓަރު ބޭރަށް އުޅަނދު ވެއްޓުނީ ވައިކުޑަތަކުގެ އެހީގައެވެ. ގަޑިއަކު 39,692 ކިލޯމީޓަރުގެ ބާރުމިނުގައި ދުނިޔޭގެ އެޓްމޮސްފިއާއަށް އުޅަނދު ވަން ވަގުތު 2،700 ޑިގްރީ ސެލްސިއަސްގެ ގަދަ ހޫނަކާ ކުރިމަތިލާން ޖެހުނެވެ. އެހެންނަމަވެސް، އެންމެން ނޭވާ ހިފަހައްޓާލަންޖެހުނު މި ނުރައްކާތެރި ހަ މިނިޓު ކަޑައްތުކުރުމަށްފަހު، ހަތަރު އެސްޓްރޮނޯޓުންގެ ހާލުވެސް ރަނގަޅުކަމަށް ނާސާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އުޅަނދު ކަނޑަށް ވެއްޓުމާއެކު އެމެރިކާގެ ކަނޑުގެ ސިފައިންގެ ޚާއްޞަ ޓީމަކުން ވަނީ ހެލިކޮޕްޓަރުގައި އެސްޓްރޮނޯޓުން މަނަވަރަށް ގެންގޮސްފައެވެ.

މި ތާރީޚީ ދަތުރުގައި ބައިވެރިވީ މިޝަން ކޮމާންޑަރު ރީޑް ވައިޒްމަން، ވިކްޓާ ގްލޯވާ، ކްރިސްޓީނާ ކޯޗް އަދި ކެނެޑާ ސްޕޭސް ސެންޓަރުގެ ޖެރެމީ ހެންސަންއެވެ. މިއީ އިންސާނުން ހަނދުގެ އަނދިރި ފަރާތަށް ދަތުރުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ދަތުރުގައި ދުނިޔެއާ 406،771 ކިލޯމީޓަރު ދުރަށް އުޅަނދު ދަތުރުކޮށްފައިވެއެވެ. މިއީ މިހާތަނަށް އިންސާނުން ދުނިޔެއާ މިހާ ދުރަށް ކުރި ފުރަތަމަ ދަތުރެވެ. މީގެ އިތުރުން މި ދަތުރުގައި އެސްޓްރޮނޯޓުންނަށް 53 މިނިޓުގެ އިރުކޭތައެއް ފެނިފައިވާއިރު، ހަނދުގެ ސަރަހައްދުން ދުނިޔޭގެ ރީތި ފޮޓޯތަކެއްވެސް ވަނީ ނަގާފައެވެ. ދުނިޔޭގެ އެޓްމޮސްފިއާއަށް ވަނުމުގެ ކުރިން، އުޅަނދަށް ކަރަންޓު ފޯރުކޮށްދިން ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސާވިސް މޮޑިއުލް ވަނީ އޮރަޔަންއާ ވަކިކޮށްފައެވެ.

ކުރިން ކުރިއަށްގެންދިޔަ އާޓެމިސް 1 މިޝަންގައި އޮރަޔަންގެ ހީޓްޝީލްޑަށް ލިބުނު ގެއްލުންތަކާ ގުޅިގެން މި ދަތުރާމެދު ބައެއް ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ނާސާއިން ވަނީ ހީޓްޝީލްޑަށް އިތުބާރުކޮށް މިކަން ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި ބޮޑު ކާމިޔާބީއާއެކު ދެން އޮންނާނީ 2028 ވަނަ އަހަރު ހަނދުގެ ބިމަށް ސީދާ އިންސާނުން ފޭބުމަށް ހަމަޖެހިފައިވާ އާޓެމިސް 3 ގެ ދަތުރެވެ. އެޕޯލޯ މަޝްރޫއު ހުއްޓާލިތާ ބައި ގަރުނަށްވުރެ ގިނަ ދުވަސް ފަހުން، އިންސާނުން އަނެއްކާވެސް ހަނދަށް ދިއުމުގެ އުންމީދު މިވަނީ އާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.