ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯންޏެއްގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
އިއްޔެ ހެނދުނު 9:15 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އެ ދޯނީގައި މަސައްކަތްކުރާ އުމުރުން 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. އައިޖީއެމްއެޗުން މައުލޫމާތު ދޭގޮތުގައި އޭނާގެ ހަށިގަނޑުގެ 60 އިންސައްތަ ވަނީ ފިހިފައެވެ. ފީއަލީ ސިއްހީ މަރުކަޒުން ފުރަތަމަ ފަރުވާ ދިނުމަށްފަހު އޭނާ މާލެ ގެނެސްފައިވަނީ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ.
މި ހާދިސާގެ ރިޕޯޓް 9:30 ހާއިރު ލިބުމާއެކު، އެމްއެންޑީއެފްގެ ނިލަންދޫ އަދި ކުޑަހުވަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ، ގަޑިއިރެއްހާއިރުގެ މަސައްކަތުން 10:35 ހާއިރު ވަނީ އަލިފާންގަނޑު އެއްކޮށް ނިއްވާލާފައެވެ. ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓި، ތެޔޮ ދޯނީގެ އިތުރުން ކައިރީގައި އޮތް އިތުރު ތިން ދޯންޏެއްގައި ރޯވެ، ޖުމްލަ ހަތަރު ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށްވެސް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ފީއަލީ ކައުންސިލުން ލަފާކުރާ ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި އެ ރަށަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާއެވެ. އަދި މި ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ އަދަދު 20 މިލިއަން ރުފިޔާއަށްވުރެ މައްޗަށް ދާނެކަމަށް ކައުންސިލުން ވަނީ ލަފާކޮށްފައެވެ.
ކޮމެންޓު ފޮނުވާ