މ. ވޭވަށު ވޯޓުފޮށި އަލުން ގުނުމުންވެސް ނަތީޖާއަށް ބަދަލެއް ނައިސް، ގޮނޑި އެމްޑީޕީއަށް

މ. ވޭވަށު ވޯޓުފޮށި އަލުން ގުނުމުންވެސް ނަތީޖާއަށް ބަދަލެއް ނައިސް، ގޮނޑި އެމްޑީޕީއަށް

Author
ޙަސަން މުޙައްމަދު
11 އޭޕްރިލް 2026 10:47
0

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މ. ވޭވަށު ކައުންސިލްގެ މެންބަރުކަމަށް ވޯޓުލީ ފޮށި އިލެކްޝަންސް ކޮމިޝަނުން އަލުން ގުނުމުންވެސް، އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނައިސް އެމްޑީޕީގެ ކެންޑިޑޭޓް އަހުޝަން ނަޢީމް ގޮނޑި ކާމިޔާބުކޮށްފިއެވެ.

މި ގޮނޑިއަށް ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަހުޝަން ނަޢީމާއި ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ނަޒީޙެވެ. ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ވޯޓުފޮށި އަލުން ގުނާފައިވާއިރު، ފުރަތަމަ ވަގުތީ ނަތީޖާ ދެއްކިގޮތުން އަހުޝަނަށް 122 ވޯޓު އަދި ނަޒީޙަށް 120 ވޯޓު ލިބިފައިވެއެވެ. ނަމަވެސް ބާތިލު ވޯޓުތަކާމެދު ސުވާލު އުފެދިގެން ފޮށި އަލުން ގުނުމުން ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުންވެސް ވަނީ އެކަކަށް އެއް ވޯޓު އުނިވެފައެވެ. ނަތީޖާއެއްގެ ގޮތުން، އިންތިޚާބު ކާމިޔާބުކުރި ފަރާތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

އީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭވަށުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 256 މީހުންގެ ތެރެއިން 247 މީހަކު ވަނީ ވޯޓުލާފައެވެ. މީގެ ތެރެއިން ހަތް ވޯޓު ބާތިލުވެފައިވާއިރު، އޭގެ މައިގަނޑު ސަބަބަކީ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގެ ބަދަލުގައި ކުރަހާފައި ހުރުމާއި، އެއްވެސް ކެންޑިޑޭޓަކަށް ފާހަގަ ޖަހާފައި ނެތުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.