ލ. އޮޅުވެލި ކައިރީ ފަރަކަށް އަރައި "އުދަރެސް" ބޯޓު އަޑިއަށްގޮސް މީހަކު ގެއްލިއްޖެ

ލ. އޮޅުވެލި ކައިރީ ފަރަކަށް އަރައި "އުދަރެސް" ބޯޓު އަޑިއަށްގޮސް މީހަކު ގެއްލިއްޖެ

Author
އަހުމަދު
09 އޭޕްރިލް 2026 10:23
0

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު ލ. އޮޅުވެލި ކައިރީ އޮތް ފަރަކަށް އަރައި އަޑިއަށް ދިއުމާ ގުޅިގެން، އޭގައި އިން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ޖުމުލަ 13 މީހުންނާއެކު ދަތުރުކުރި މި ބޯޓު ސިކްސެންސް ލާމު ރިސޯޓާ ކައިރީގައި އޮތް ފަރަކަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ ރޭ ދަންވަރު 01:21 ހާއިރުއެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ބިދޭސީއަކު ވަނީ ފަތާފައި ގޮސް ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުގައި ތިބި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ. މި ހާދިސާއިން ސަލާމަތްވި 12 މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއެވެ.

ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި ގިނަ އަދަދެއްގެ މުދާ ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.