ތިން ދާއިރާއެއްގެ ވޯޓު ދެވަނަ ބުރަކަށް ދިއުން އެކަށީގެންވޭ: އީސީ

ތިން ދާއިރާއެއްގެ ވޯޓު ދެވަނަ ބުރަކަށް ދިއުން އެކަށީގެންވޭ: އީސީ

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2026 02:44
0

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރެއިން ތިން ދާއިރާއެއްގެ ނަތީޖާ އެއްވަރުވެ، ދެވަނަ ބުރަކަށް ދިއުން އެކަށީގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފިއެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އުނައިސް ވިދާޅުވީ، ތިން ދާއިރާއެއް ދެވަނަ ބުރަކަށް ދިއުން މިހާތަނަށް ބެލެވުނު ނަމަވެސް، ހުށަހެޅިފައިވާ ޝަކުވާތައް ބަލައި ނިމި، ފައިނަލް ނަތީޖާ އިއުލާންކުރުމުގެ ކުރިން އެ ކަމުގައި ވަކި ގޮތެއް ނުނިންމާނެ ކަމަށެވެ. ކޮމިޝަންގެ އަމާޒަކީ މިމަހުގެ 11 ވަނަ ދުވަހު ރަސްމީ ނަތީޖާ އިއުލާންކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަތޮޅުތަކުން ސެކިއުރިޓީ ފޮށިތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށްވެސް ކޮމިޝަނުން ފާހަގަކުރިއެވެ.

ވަގުތީ ނަތީޖާތަކަށް ބަލާއިރު، މި އިންތިޚާބުން ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ފަސް ސިޓީއެއްގެ މޭޔަރުން ހިމެނޭހެން ސިޓީ ކައުންސިލްތަކުގެ ފުރިހަމަ އަޣުލަބިއްޔަތު ވަނީ ހޯދާފައެވެ. ރަށު ކައުންސިލްތަކުގެ 238 ގޮނޑި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 177 ގޮނޑިވެސް ވަނީ ކާމިޔާބުކޮށްފައެވެ.

ފައިނަލް ނަތީޖާ އިއުލާންކުރާ ތާރީޚު ހާމަކުރުމާއެކު، ދެވަނަ ބުރެއް ބޭއްވޭ ދާއިރާތަކާއި ވޯޓުލުން ބާއްވާނެ ތާރީޚުވެސް ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.