މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އިގްތިސޯދަށް ކޮށްފާނެ ނޭދެވޭ އަސަރަކުން ސަލާމަތްވުމަށް، ދައުލަތުގެ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އަންގައިފިއެވެ.
ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެތަންތަނުގެ ސަބްސިޑަރީތަކަށް ފޮނުވި ސާކިއުލާގައި އަންގާފައިވަނީ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދުތައް ބޮޑުތަނުން ކުޑަކުރުމަށެވެ. އެގޮތުން، ރަސްމީ ގަޑީގެ ތެރޭގައި މަސައްކަތްތައް ނިންމުމަށް އިސްކަންދީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްގައި މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ނާންނާނެ ގޮތެއްގެ މަތިން، ކޮންމެހެން ނަގަންޖެހޭ މީހުން ފިޔަވައި އާ މުވައްޒަފުން މަގާމުތަކަށް ނުނެގުމަށާއި، މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް މަޑުޖައްސާލުމަށްވެސް ވަނީ އިރުޝާދުދީފައެވެ.
ކުންފުނިތަކުގެ ކޭޝްފްލޯ ދަތިނުވާނެހެން މާލީ ކަންކަން މެނޭޖުކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ފިޔަވައި އިތުރު ޚަރަދުތައް ނުކުރުމަށްވެސް ޕީސީބީން ވަނީ އަންގާފައެވެ. އަދި ހަފްލާތައް ބޭއްވުން ވީހާވެސް މަދުކޮށް، އެފަދަ ކަންކަމުގައި އެއް ކުންފުނި އަނެއް ކުންފުންޏާ ވަސީލަތްތައް ހިއްސާކުރުމަށް އަންގާފައިވެއެވެ. މީގެ މައިގަނޑު މަގުސަދަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އަތުވެދާނެ އިގްތިސޯދީ ލޮޅުމަކުން ރައްޔިތުންނަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަކުރުމެވެ.
މި ފިޔަވަޅުތަކުގެ އިތުރުން، ފާއިތުވި މާޗު މަހުގެ 30 ވަނަ ދުވަހުވެސް ޕީސީބީން ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް މަދުކުރުމަށާއި، ބިޒްނަސް ކްލާހުގައި ދަތުރުނުކުރުމަށް އަންގާފައެވެ. އަދި ބޭރުގެ ފަރާތްތަކާ އެކު އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށާއި، ޓްރެއިނިންގ ދަތުރުތައް ހުއްޓާލުމަށްފަހު އޮންލައިންކޮށް ބައިވެރިވުމަށް ވަނީ އަންގާފައެވެ.
ޕީސީބީގެ އިތުރުން ފިނޭންސް މިނިސްޓްރީންވެސް ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކަށް ޚަރަދު ކުޑަކުރުމަށް އަންގާފައިވާއިރު، މިފްކޯ އަދި ޕީޖީ އޮފީސް ފަދަ ތަންތަނުން އަންނަނީ މި ފިޔަވަޅުތައް ތަންފީޒުކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ އިންތިޚާބަށްފަހު އަޅާނެ ޚަރަދުކުޑަކުރުމުގެ ފިޔަވަޅެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބަދަލުތަކާއެކު ދައުލަތުގެ އިދާރާތަކުން މިވަނީ އިގްތިސާދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ