އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ މަގާމުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް، 55 މެންބަރުންގެ ސޮޔާއެކު އެ ޕާޓީގެ ގައުމީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ތާއީދުކުރާ ފެކްޝަނުންނެވެ. ޣަފޫރުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން ނިންމި މައިގަނޑު ސަބަބަކީ، ދާދި ފަހުން ބޭއްވި އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު އަރުވާފައި ނުވުމެވެ.
މި ކަމާ ގުޅިގެން ޕާޓީގެ އެތެރޭގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އެކި ފެކްޝަންތަކުގެ މެދުގައި އޮތް ކޯޅުންތަކާއި ހިޔާލުތަފާތުވުންތައް ވަނީ އިތުރުވެފައެވެ. މިވަގުތު އެމްޑީޕީގެ އެތެރޭގައި ރައީސް ނަޝީދާއި ފައްޔާޒުގެ ފެކްޝަނުގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަނެއް ވެސް އޮވެއެވެ. އަދި އޭގެ އިތުރުން މެންބަރު އަހުމަދު ޝަމްހީދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ތާއީދުކުރާ ވަކި ގްރޫޕްތަކެއް ވެސް ޕާޓީގެ ތެރޭގައި އުފެދިފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ