ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމާއެކު، އީރާނާއި އެމެރިކާއިން ދެ ހަފްތާގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމާއެކު، އީރާނާއި އެމެރިކާއިން ދެ ހަފްތާގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

Author
ޙަސަން މުޙައްމަދު
08 އޭޕްރިލް 2026 08:03
0

ޕާކިސްތާނުގެ އިސްވެރިންނާއެކު ކުރެވުނު މަޝްވަރާތަކަކަށްފަހު، އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފްތާއަށް މެދުކަނޑާލުމަށް ދެ ޤައުމުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިއީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ޤައުމުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރާއެކު ބޭއްވުނު މުހިންމު މަޝްވަރާތަކެއްގެ ނަތީޖާ ކަމަށެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް' ގައި އޭނާ ވިދާޅުވީ، މިއީ ދެ ފަރާތުންވެސް ހަމަލާތައް ހުއްޓާލާ ގޮތަށް ވެވުނު "ޑަބަލް ސައިޑަޑް ސީޒްފަޔަރ" އެއް ކަމަށެވެ.

ނަމަވެސް މި އެއްބަސްވުން ދެމިއޮތުމުގެ މައިގަނޑު ޝަރުތަކީ، އީރާނުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން އަދި ރައްކާތެރިކަމާއެކު ފުރިހަމައަށް ހުޅުވާލުން ކަމުގައި ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ. މިކަމާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވެސް ވަނީ، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުމަގުން ކުރިއަށް އޮތް ދެ ހަފުތާގައި އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެކަން ކަށަވަރުކޮށްދެއްވާފައެވެ.

ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައި އޮތުމަށްފަހު، ހަމަލާތައް މެދުކަނޑާލަން ނިންމި ޚަބަރާއެކު ތެލުގެ އަގުތައް މިހާރު ވަނީ ވަގުތުން ދަށްވާން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.