ރާއްޖޭގެ ބާޒާރުގައި ސިމެންތި ލިބުމުގެ ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ސިމެންތި އެތެރެކުރާނެ އިތުރު ހަތަރު މާކެޓެއް ސަރުކާރުން ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިހާރުވެސް ސިމެންތި ގެންނަ މާކެޓުތަކުން ތަކެތި ގެނައުމަށް އެއްވެސް ހުރަހެއް އެޅިއްޖެ ހާލަތެއްގައި ބަދަލުގައި ބޭނުންކުރާނެ އާ ހަތަރު ސަޕްލަޔަރަކު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މިއީ ބާޒާރުން ސިމެންތި ހުސްވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ކޮމިޓީން ކުރި މަސައްކަތުން ހޯދި ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރުވެސް އެސްޓީއޯ މެދުވެރިކޮށް އާންމުކޮށް ގެންނަ ގައުމުތަކުން އެއްވެސް ދަތިކަމެއް ނެތި ސިމެންތި ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ތަކެތި މެދުކެނޑުމެއްނެތި، ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް ސައީދު ވިދާޅުވިއެވެ.
ރާއްޖޭގައި މައިގަނޑު ގޮތެއްގައި ސިމެންތި ވިއްކަނީ އެސްޓީއޯ، ވިލާ އަދި އެޕޯލޯ އިންނެވެ. މީގެ ތެރެއިން ވިލާ ކުންފުނިން ވިއްކާ ސިމެންތީގެ އަގު ދާދި ފަހުން ވަނީ ބޮޑުވެފައެވެ. އެގޮތުން މާލޭގައި ހުންނަ ވިލާގެ ފިހާރައިން ސިމެންތި ބަސްތާއެއް 313 ރުފިޔާއަށް ވިއްކަމުންދާއިރު، ތިލަފުށިން ވިއްކަނީ 302 ރުފިޔާއަށެވެ. އެހެންނަމަވެސް، އެސްޓީއޯއިން ވިއްކާ ސިމެންތީގެ އަގަށް މިހާތަނަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ