މާލޭގެ މާފަންނުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިފައި އޮތުމަށްފަހު، ދެ ގަޑިއިރަށްވުރެ ގިނައިރު ފަހުން އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފިއެވެ.
މިއަދު އެންމެ ފުރަތަމަ އެ ސަރަހައްދުން ކަރަންޓު ދިޔައީ ހެނދުނު 11:15 ހާއިރުއެވެ. އެހެންނަމަވެސް މާގިނައިރުތަކެއް ނުވެ އޭރު ވަނީ މައްސަލަ ހައްލުކޮށް ކަރަންޓު ދީފައެވެ. އޭގެ ފަހުން މެންދުރުފަހު 2:50 ހާއިރު ދެވަނަ ފަހަރަށް ކަރަންޓު ކެނޑުމުގެ ސަބަބުން، އާންމުންނަށް ވަނީ ދެ ގަޑިއިރާއި 25 މިނެޓު ވަންދެން ކަރަންޓުގެ ޚިދުމަތުން މަޙްރޫމްވެފައެވެ.
މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ، ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ. ނަމަވެސް ކަރަންޓު ކެނޑެން ދިމާވި ސީދާ ސަބަބެއް އެ ކުންފުނިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ