މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ޚާއްޞަ ފިޔަވަޅުތަކެއް މިއަދު އަޅައިފިއެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މާދަމާއިން ފެށިގެން އަންނަ މަހުގެ ނިޔަލަށް އައު އުސޫލުތަކަކަށް އެ އޮފީހުން އަމަލުކުރާނެއެވެ. މިގޮތުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ (ވޯކް ފްރޮމް ހޯމް) ދުވަހެއްގެ ގޮތުގައި ކަނޑައެޅުމެވެ. އޭގެ އިތުރުން، އޮފީހުގެ ރަސްމީ ބައްދަލުވުންތައް ވީހާވެސް ބޮޑަކަށް އޮންލައިންކޮށް ބޭއްވުމަށާއި، ކަރަންޓާއި ކަރުދާހުގެ އިތުރުން އޮފީހުގެ އުޅަނދުފަހަރު ބޭނުންކުރާ މިންވަރު މަދުކުރުމަށްވެސް ވަނީ ނިންމާފައެވެ.
އަންގާރަ ދުވަހު ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް، ކޯޓުތަކުގެ އަޑުއެހުންތަކަށާއި، އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭ މުހިންމު މަސައްކަތްތަކަށާއި ބައްދަލުވުންތަކަށް މުވައްޒަފުން އޮފީހަށް ނުކުންނާނެ ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.
ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި، އާންމުކޮށް އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް އެގޮތަށް ކުރުމަށް މުވައްޒަފުންނަށް ވަނީ ބާރުއަޅާފައެވެ. އަދި އޮފީސް ބަންދުކުރާ ގަޑި އިރުއޮއްސި 18:00 އަށް އަވަސްކޮށް، އޮފީހުގެ މަސައްކަތްތައް ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމުގެ ސިޔާސަތުގެ ދަށުން ކަރުދާހަށް ކުރާ ޚަރަދު ކުޑަކުރުމަށް މި މުއްދަތުގައި ޚާއްޞަ އިސްކަމެއް ދޭނެކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ