ކާބޯތަކެތީގެ ޚިދުމަތުގައި ނަމޫނާ ދެއްކެވި މަޝްހޫރު "ޕީޓްރަލް އަޙްމަދުބެ" ނިޔާވެއްޖެ

ކާބޯތަކެތީގެ ޚިދުމަތުގައި ނަމޫނާ ދެއްކެވި މަޝްހޫރު "ޕީޓްރަލް އަޙްމަދުބެ" ނިޔާވެއްޖެ

Author
ޙަސަން މުޙައްމަދު
06 އޭޕްރިލް 2026 04:20
0

މާލޭގައި ކުރިން ވަރަށް ބޮޑަށް މަޝްހޫރުވި ޕީޓްރަލް ކެފޭގެ ވެރިޔާ، އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) ނިޔާވެއްޖެއެވެ.

އޭނާ ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރްޙޫމްގެ ޢާއިލާއަށާއި މައްޗަންގޮޅީގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައެވެ. ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އަޙްމަދުބެއަކީ ކާބޯތަކެތީގެ ޚިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ، ހިތްހެޔޮ އަދި ޚުލްޤު ހެޔޮ ބޭފުޅެކެވެ. މީގެ އިތުރުން، އެއީ އިޖުތިމާޢީ ކަންކަމުގައާއި މައްޗަންގޮޅީގެ ކުރިއެރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ހީވާގި، ނަމޫނާ ޝަޚުޞިއްޔަތެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި ލޮނުމަސް އެޅުން ފަދަ ދިވެހި އުފެއްދުންތަކުގެ މަސައްކަތުން ފެށިގެން އައިސް، އަޙްމަދުބެ އަކީ މާލެއަށް މަޝްހޫރުވި ގުރާބުތުނޑި ހޮޓަލާއި، ގިނަ ބައެއްގެ އިތުބާރު ހޯދި ޕީޓްރަލް ހޮޓެލް އުފެއްދެވި މޭސްތިރިއާއެވެ. އޭނާ ވަނީ ކޭޓަރިންގ ދާއިރާގައި ދިގު މުއްދަތަކަށް ސަރުކާރުގެ ބޮޑެތި އިދާރާތަކަށް ޚިދުމަތް ދެއްވުމުގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށްވެސް ބޮޑެތި އެހީތަކެއް ވެދެއްވާފައެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ، މާތް ﷲ ގެ ތަނަވަސް ރަޙްމަތާއި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު އާދަމް ލެހެއްޓެވުން އެދި ދުޢާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.