ސިޓީތަކުން އެމްޑީޕީއަށް 46 ގޮނޑި، ޕީއެންސީއަށް 5 ގޮނޑި

ސިޓީތަކުން އެމްޑީޕީއަށް 46 ގޮނޑި، ޕީއެންސީއަށް 5 ގޮނޑި

Author
އަހުމަދު
05 އޭޕްރިލް 2026 09:49
0

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ކައުންސިލްތަކުގެ ބޮޑު އަޣުލަބިއްޔަތެއް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ. ވެރިކަންކުރާ ޕީއެންސީއަށް މުޅި ރާއްޖޭގެ ސިޓީތަކުން ލިބުނީ އެންމެ ފަސް ގޮނޑިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން، އެމްޑީޕީން ވަނީ ސިޓީ ކައުންސިލްތަކުން ޖުމްލަ 46 ގޮނޑި ކާމިޔާބުކޮށްފައެވެ. އެންމެ ފޯރިގަދަކޮށް ކެމްޕޭނު ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލްގެ 17 ދާއިރާގެ ތެރެއިން، ވިލިމާލެ ދާއިރާ ފިޔަވައި އަނެއް 16 ގޮނޑި ބޮޑު ތަފާތަކުން އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. ޕީއެންސީއަށް ލިބުނު މަދު ގޮނޑިތައްވެސް ކާމިޔާބުކޮށްފައިވަނީ ވަރަށް ހަނި ތަފާތަކުންނެވެ.

ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެންނާނެކަމުގެ ވައުދާއެކު ނުކުތް އައްޑޫ ސިޓީން ޕީއެންސީއަށް ލިބުނީ އެންމެ 14 ވޯޓުގެ ތަފާތުން ކާމިޔާބުކުރި ހިތަދޫ މޫލެކެޑެ ދާއިރާގެ ގޮނޑި އެކަންޏެވެ. ކުޅުދުއްފުށި ސިޓީން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ނެގިއިރު، އަލަށް އިންތިހާބުކުރި ތިނަދޫ ސިޓީ ކައުންސިލުން ޕީއެންސީއަށް ކާމިޔާބުކުރެވުނީ އެންމެ ދެ ގޮނޑިއެވެ. އަދި ފުވައްމުލައް ސިޓީން ސަރުކާރަށް އެއްވެސް ގޮނޑިއެއް ލިބިފައިނުވާއިރު، އެމްޑީޕީން ވާދަނުކުރާ އެއް ދާއިރާ ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް އެޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.

ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަންވެސް އެމްޑީޕީން ދިފާއުކޮށްފައިވާއިރު، އިންތިހާބު ކާމިޔާބުކުރެއްވީ މިހާރުވެސް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އެގޮތުން މާލޭގެ މޭޔަރަކަށް އާދަމް އާޒިމް، އައްޑޫ މޭޔަރަކަށް އަލީ ނިޒާރު، ކުޅުދުއްފުށީ މޭޔަރަކަށް މުހައްމަދު އާތިފް، ތިނަދޫ މޭޔަރަކަށް ސައުދު އަލީ އަދި ފުވައްމުލަކު މޭޔަރަކަށް އިސްމާއީލް ރަފީގު ވަނީ އިންތިހާބުވެވަޑައިގެންފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން މި ހުރިހާ މޭޔަރުންވެސް ވަނީ 50 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ.

މިއީ ވަގުތީ ނަތީޖާ ކަމަށްވުމާއެކު، ދާއިމީ ނަތީޖާ އިއުލާނުކުރާއިރު މި އަދަދުތަކަށް ކުދި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.