މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހްމަދު މުހައްމަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
ސީޕީގެ މަގާމަށް އަލަށް ބޭފުޅަކު މި އައްޔަންކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި އިސްމާއިލް ނަވީން މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ނަވީން ރިޓަޔާ ކުރެއްވުމަށްފަހު، މިހާތަނަށް ފުލުހުންގެ މުއައްސަސާ ހިންގުމާ ހަވާލުވެހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ.
އާ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދަކީ 1995 ވަނަ އަހަރުން ފެށިގެން ފުލުހުންގެ މުއައްސަސާގައި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އިޚްލާސްތެރިކަމާއެކު ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ފުލުހުންގެ އޮޕަރޭޝަނަލް އަދި ތަހުގީގީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަހްމަދު މުހައްމަދު ވަނީ، އިންޑިއާގެ ސަރުދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން ސީނިއާ އޮފިސަރުންގެ ތަމްރީނުތައްވެސް ފުރިހަމަކުރައްވާފައެވެ.
ތައުލީމީ ރޮނގުން ބަލާއިރު، އޭނާ ވަނީ ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީއާ އަދި ބެޗްލާ އޮފް ޝަރީއާ (އޮނާސް) ފުރިހަމަކުރައްވައި، މަތީ ތައުލީމު ހާސިލްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ