ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓު ގުނުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން ހުއްޓިފައި އޮތް މަޖީދިއްޔާ ސްކޫލްގެ ވޯޓު ފޮށީގެ ނަތީޖާ ގުނުން، ފުލުހުންގެ ހާޒިރުގައި އަލުން ފަށައިފިއެވެ.
މައްސަލަ ޖެހިފައިވަނީ މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ހެންވޭރު ހުޅަނގު 4 ނަންބަރު ވޯޓު ފޮށި ގުނުމުގެ ތެރޭގައެވެ. މައި ދެ ޕާޓީއަށް ނިސްބަތްވާ އޮބްޒާވަރުންގެ މެދުގައި ހިނގި ޒުވާބުތަކަކާ ގުޅިގެން ވޯޓު ގުނުމަށް ހުރަސްއެޅި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފުންނާ ދިމާއަށް އަޑުގަދަކޮށްފައިވެއެވެ. މީގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީއާއި ވިލިމާލޭގައި ބަހައްޓާފައި ހުރި ބައެއް ފޮށިތައް ކައިރީގައިވެސް މިފަދަ ހަމަނުޖެހުންތަކެއް ވަނީ މިއަދު ހިނގާފައެވެ.
ހަމަނުޖެހުން ހިނގި މަރުކަޒުގައި ހަރަކާތްތެރިވި އޮބްޒާވަރުން ބުނާ ގޮތުގައި، މައްސަލަ އުފެދުނީ ވޯޓު ފޮށި ކަނޑައި، ވޯޓުލާން ބޭނުންކުރި އިތުރު ކަރުދާސްތަކެއް ހުރި މޭޒެއްގެ މައްޗަށް ވޯޓުތައް އެޅުމުންނެވެ. އަދި އީސީން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ސައްޙަ ވޯޓާއި ބާތިލު ވޯޓު ވަކިކުރަމުންދިޔަ ކަމަށްވެސް އޮބްޒާވަރުން ތުހުމަތުކޮށްފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން އީސީގެ ލަފާ ހޯދައި، އެ ކޮމިޝަނުން ވަނީ އަމަލުކުރަންވީ ރަނގަޅު ގޮތް މަރުކަޒުތަކަށް އަންގާފައެވެ.
މައްސަލަ ހައްލުކޮށް މަޖީދިއްޔާ ސްކޫލްގެ ވޯޓު ފޮށި ގުނުން މިހާރު ކުރިއަށްދާއިރު، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ވޯޓު ގުނުމުގެ ކަންކަން މިހާރު ކުރިއަށް ގެންދަނީ ސީދާ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
ކޮމެންޓު ފޮނުވާ