މިއަދު މުޅި ރާއްޖޭގައި ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އާންމުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޝުކުރު އަދާކޮށްފިއެވެ.
މިއަދަކީ އާދަޔާޚިލާފަށް ހޫނުގަދަ ދުވަހަކަށް ވީނަމަވެސް، ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔަ ވަގުތުތަކުގައި ރައްޔިތުން ދެއްކި ކެތްތެރިކަމާއި ފޯރުކޮށްދިން އެހީތެރިކަން ފުލުހުން ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައެވެ. އަދި ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުން ދެމުންދިޔަ އިރުޝާދުތަކާ އެއްގޮތަށް އާންމުން އަމަލުކުރުމަކީ، މުޅި އިންތިޚާބުގެ ކަންކަން އޮމާންކަމާއި ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއްކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި އިންތިޚާބާ ގުޅިގެން މުޅި ރާއްޖޭގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ވަނީ ރޭގެ ވަގުތެއްގައި "އޮޕަރޭޝަން ބްލޫ ރޭ" ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ. ފުލުހުންގެ ގިނަ އަދަދެއްގެ އޮފިސަރުން ހަރަކާތްތެރިވި މި އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއެވެ.
ކޮމެންޓު ފޮނުވާ