ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުތަކުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ވޯޓުލާ ވަގުތު އިތުރުކުރި ނަމަވެސް، މިފަހަރު ވަގުތު އިތުރުކުރާނެކަން އަދި އަންގާފައި ނުވާތީ، ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެ ކޮމިޝަނުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މި އިންތިޚާބުގައި، 588 މަރުކަޒެއްގައި ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައިވެސް ތިން ވޯޓަށް ހާއްސަކޮށްގެން ވަކިވަކިން ތިން ވޯޓުފޮށި ބަހައްޓާފައިވާއިރު، ވޯޓުލުމުގެ އިންތިޒާމުތައް އީސީން ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައެވެ.
އިންތިޚާބުގެ ކަންތައްތައް އަމާންކަމާއެކު، ދެފުށްފެންނަ އިންސާފުވެރި މާހައުލެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމަށްޓަކައި 8،000 އަށްވުރެ ގިނަ އޮބްޒާވަރުންނާއި މޮނީޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައްވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ