މާދަމާގެ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުންގެ "އޮޕަރޭޝަން ބްލޫރޭ" ފަށައިފި

މާދަމާގެ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުންގެ "އޮޕަރޭޝަން ބްލޫރޭ" ފަށައިފި

Author
ޙަސަން މުޙައްމަދު
04 އޭޕްރިލް 2026 12:03
0

މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިފަރެންޑަމް ވޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަން "ބްލޫރޭ" ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މިއަދު ހަވީރު 6:00 އިން ފެށިގެން މި އޮޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މި އޮޕަރޭޝަންގެ ދަށުން ފުލުހުންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ، ވޯޓުލާ މަރުކަޒުތަކާއި އެ ސަރަހައްދުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި، އިންތިހާބުގައި ބޭނުންކުރާ ވަސީލަތްތައް ރައްކާތެރިކުރުމުގެ އިތުރުން ވޯޓުލާންދާ އާންމު ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިހާބާ ގުޅިގެން ފޯރުކޮށްދޭންޖެހޭ ސެކިއުރިޓީ މިހާރު ދޭން ފަށާފައިވާއިރު، ކެމްޕެއިން ކުރުމުގެ ވަގުތު ހަމަވެފައިވާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން، ވޯޓުލާން މަރުކަޒަށް ދާ ފަރާތްތަކުން ވޯޓުލުމަށް ބޭނުންނުވާ އިތުރު ތަކެތި މަރުކަޒަށް ނުގެންދިއުމަށްވެސް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.