މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމުގެ މައްސަލަތައް އިތުރުވެ، މިދިޔަ މަހު އެކަނިވެސް 1.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޭމްކޮށްގެން ފޭރިގަނެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސްކޭމްކޮށްގެން ފައިސާ ފޭރުމުގެ 198 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި ޖުމްލަ 1.68 މިލިއަން ރުފިޔާ ފޭރިފައިވާއިރު، އޭގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ 37 މައްސަލައެއްގައި ހިމެނޭ 690،000 ރުފިޔާއެވެ.
މިފަދަ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ފައިސާ ފޭރިފައިވަނީ އީކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. އެގޮތުން ފޭސްބުކް މާކެޓް ޕްލޭސް އާއި އައިބޭ ފަދަ ވަސީލަތްތައް މެދުވެރިކޮށް ހިންގާފައިވާ 94 ސްކޭމް މައްސަލައެއް ހުށަހަޅާފައިވާއިރު، އޮންލައިންކޮށް ވިޔަފާރިކުރުމުގައި އަނެއް ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން، އޮޅުވާލައިގެން އެކި މީހުންގެ ނަމުގައި ފައިސާ ހޯދުމުގެ 49 މައްސަލައަކާއި، ކަރަންސީ އެކްސްޗޭންޖް ނުވަތަ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 31 މައްސަލައެއްވެސް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އަމިއްލަ ޒާތީ މައުލޫމާތާއި އޯޓީޕީ އެހެން މީހުންނާ ހިއްސާނުކުރުމަށާއި، ޓެލެގްރާމާއި ވައިބަރ ފަދަ އެޕްލިކޭޝަންތަކުގެ ގްރޫޕްތައް މެދުވެރިކޮށް ޑޮލަރު މާރުކުރުމުގެ މުއާމަލާތްތައް ނުކުރުމަށް އާންމުންނަށް ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ