މާދަމާގެ ބޮޑު އިންތިޚާބުގެ ފޯރިގަދަ ކެމްޕޭން ނިންމާލައިފި

މާދަމާގެ ބޮޑު އިންތިޚާބުގެ ފޯރިގަދަ ކެމްޕޭން ނިންމާލައިފި

Author
ހުސައިން
03 އޭޕްރިލް 2026 11:55
0

މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ޚިޔާލު ހޯދުމުގެ ވޯޓުގެ ކެމްޕޭން ހަރަކާތްތައް މިއަދު ހަވީރު ނިންމާލައިފިއެވެ.

މި އިންތިޚާބާ ދިމާކޮށް ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވަނީ ވަރަށް ވާދަވެރި ކެމްޕޭނެއް ކޮށްފައެވެ. ކެމްޕޭން ނިންމާލުމުގެ ގޮތުން ދެ ޕާޓީން ވެސް މިއަދު ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ޚާއްސަ ހިނގާލުންތަކެއް ބާއްވާފައެވެ. ޕީއެންސީގެ ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތްއިރު، އެމްޑީޕީގެ ހިނގާލުމުގައި އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.

މާދަމާގެ ވޯޓުގައި ޖުމްލަ 299,876 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާއިރު، ކައުންސިލްތަކާއި ޑަބްލިއުޑީސީ އިންތިޚާބުގައި 225 ދާއިރާއަކުން 1,356 މެންބަރުން އިންތިޚާބުކުރާނެއެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި މާލެއާއި އަތޮޅުތެރޭގެ އިތުރުން ރިސޯޓުތަކާއި ޖަލުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާނެއެވެ.

މާދަމާ ހެނދުނު 8:00 ގައި ވޯޓުލުން ފެށުމަށް ހަމަޖެހިފައިވާއިރު، ވޯޓުލާންދާންޖެހޭ މަރުކަޒު ސާފުކުރުމަށް، 1414 އަށް VR ޖެހުމަށްފަހު ހުސްކޮޅެއް ދޫކޮށް އައިޑީ ކާޑު ނަންބަރު ފޮނުވުމުން މަޢުލޫމާތު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިއަދު ހަވީރު 18:00 އަށް ކެމްޕޭން ކުރުމުގެ މުއްދަތު ހަމަވުމާއެކު، އިންތިޚާބާ ގުޅޭ އެއްވެސް ކެމްޕޭނެއް ކުރުމަކީ މިހާރު މަނާކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.