ލޯކަލް ކައުންސިލް އިންތިޚާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުންގެ "އޮޕަރޭޝަން ބްލޫ ރޭ" ފަށައިފި

ލޯކަލް ކައުންސިލް އިންތިޚާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުންގެ "އޮޕަރޭޝަން ބްލޫ ރޭ" ފަށައިފި

Author
އަހުމަދު
02 އޭޕްރިލް 2026 07:42
0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ޚާއްޞަ ހަރަކާތް "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި އޮޕަރޭޝަން ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއެވެ. މި އޮޕަރޭޝަން ފެށުމާއެކު، އިންތިޚާބާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް މިހާރު ވަނީ "ލެވެލް 2″ އަށް މަތިކޮށްފައެވެ. މިއީ އިންތިޚާބުގެ ކަންކަން އަމާންކަމާއި ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މުޅި ރާއްޖޭގައި ހިންގާ ޤައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ފަރުޙާދު ފިކުރީ ވަނީ، އިންތިޚާބުގެ ތެރޭގައި ހަރަކާތްތެރިވާ ފުލުހުން ރައްޔިތުންނާ މުޢާމަލާތްކުރުމުގައި ރީތި އަޚުލާޤާއި އޯގާތެރިކަން އިސްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ނުތަނަވަސް ދަނޑިވަޅުތަކުގައިވެސް ކެތްތެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަތައް ޙައްލުކުރުމަށާއި، އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް އިޙުތިރާމުކޮށް ކޮންމެ މީހެއްގެވެސް ކަރާމާތް ހިމާޔަތްކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. މީގެ އިތުރުން، ޑިމޮކްރެޓިކް ނިޒާމެއްގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ޤާނޫނު ތަންފީޒުކުރުން ނޫންކަމާއި، އެއީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމުގެ ޔަޤީންކަން ދިނުންކަންވެސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އިންތިޚާބުގެ ސެކިއުރިޓީ ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއިރު، އަތޮޅުތެރޭގެ ރަށްރަށުގައި ތިބި ފުލުހުން މި ބައްދަލުވުމުގައި ބައިވެރިވީ އޮންލައިންކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.