އޯޓިޒަމް ހުންނަ ކުދިން ބާރުވެރިކުރުވުމަކީ މުޅި މުޖުތަމައުގެ ކުރިއެރުން: ރައީސް

އޯޓިޒަމް ހުންނަ ކުދިން ބާރުވެރިކުރުވުމަކީ މުޅި މުޖުތަމައުގެ ކުރިއެރުން: ރައީސް

Author
ހުސައިން
02 އޭޕްރިލް 2026 07:44
0

އޯޓިޒަމް ހުންނަ ކުދިންގެ ހުނަރުތައް ކުރިއަރުވައި، އެ ކުދިންނަށް އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަކީ މުޅި ގައުމުގެ އިޖުތިމާއީ ފޭރާން ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އޯޓިޒަމަކީ މުޖުތަމައުގައި ހުރި ތަފާތު ސިފަތަކާއި ހުނަރުތަކުގެ ތެރެއިން ބައެއް ކަމަށާއި، ކޮންމެ ފަރުދަކަށްވެސް ހަމަހަމަ ފުރުސަތުތަކާއި އިހުތިރާމް ލިބެންޖެހޭނެ ކަމަށެވެ. އަދި ގޭތެރެއިން ފެށިގެން ސްކޫލްތަކާއި ވަޒީފާގެ މާހައުލުގައިވެސް އެފަދަ ފަރާތްތަކަށް ޖާގަދިނުމަކީ އޯގާތެރިކަމާއި ހޭލުންތެރިކަމުގެ ތެރެއިން އަމަލީގޮތުން ކުރަންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް ވީހާވެސް އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި (އާލީ އިންޓަވެންޝަން) ޝާމިލު ތައުލީމު ދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އެކުދިންގެ ގާބިލުކަން އިތުރުކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދިނުމަކީ ހަމައެކަނި އެކުދިންނަށް ލިބޭ ކުރިއެރުމެއް ނޫން ކަމަށާއި، އެއީ މުޅި ގައުމަށް އޭގެ ލާބަ ލިބޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ. މިކަން ހާސިލުކުރުމަށްޓަކައި ސްކޫލްތަކުގައި ޝާމިލު ތައުލީމު ފުޅާކުރުމަށާއި، ތަމްރީނުތައް ދިނުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަންވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ. އަދި އެފަރާތްތަކަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ގޮވާލެއްވީ، އޯޓިޒަމް ހުންނަ ފަރާތްތަކަކީވެސް މުޖުތަމައު ބަލައިގަންނަ، ހަމަހަމަ ފުރުސަތުތަކާއެކު އަމިއްލަ މިނިވަންކަމުގައި ދިރިއުޅޭ ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.