ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވާ ތަނެއް ނޫން، ބޭނުންވަނީ އެއްބާރުލުންދޭނެ ފަރާތްތައް: ރައީސް

ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވާ ތަނެއް ނޫން، ބޭނުންވަނީ އެއްބާރުލުންދޭނެ ފަރާތްތައް: ރައީސް

Author
ހުސައިން
02 އޭޕްރިލް 2026 02:25
0

ކައުންސިލުތަކަކީ ސަރުކާރު ޖަވާބުދާރީކުރުވަން އޮންނަ ތަނެއް ނޫން ކަމަށާއި، އެއީ ސަރުކާރަށް އެއްބާރުލުންދީ ރަށުގެ ތަރައްޤީއަށް މަގުފަހިކޮށްދޭންޖެހޭ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ ބާރުތައް ބެހިފައިވާ ގޮތުން ކައުންސިލްތަކަކީ ވެރިކަންކުރާ ބާރުގެ ފަށަލައިގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެހެންކަމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކައުންސިލްތަކުގެ ދައުރެއް ނޫން ކަމަށާއި، އެ ފަށަލައިގެ ތެރޭގައި އިދިކޮޅު ފަރާތްތައް ތިބެގެން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާނަމަ ރައްޔިތުންނަށް ދުވަހުން ދުވަހަށް ދޭންޖެހޭ ޚިދުމަތްތަކަށް ހުރަސްއެޅި މައްސަލަތައް އުފެދޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތްކުރައްވައި ރައީސް ވަނީ، ރަށުގެ ތަރައްޤީއަށާއި ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް އެންމެ ބޮޑަށް އެއްބާރުލުން ދެވޭނީ ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ރާވާފައިވާ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް 2025 އަދި 2026 ވަނަ އަހަރުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެކަންކަމަށް ހުރަސްނާޅާނެ ބަޔަކު ކައުންސިލްތަކާއި ޑަބްލިއުޑީސީތަކަށް އިންތިޚާބުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކައުންސިލްތަކަށް ސަރުކާރާ ދެކޮޅު ބަޔަކު ހޮވައިފިނަމަ އެކަމުގެ ސަބަބުން އަމިއްލައަށް ތަރައްޤީ މަޑުޖެހި، ރަށުގެ މުސްތަޤުބަލް ބަންދުވެގެންދާނެ ކަމަށެވެ. އެހެންކަމުން، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށް، ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވައިފިނަމަ އޭގެ ނަތީޖާ ރައްޔިތުންނަށް ވަރަށް ފުރިހަމަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.