ފާއިތުވި ހަފުތާގެ ތެރޭގައި މާލެ އާއި ސިނަމާލެ ބްރިޖު އަދި ހައިވޭގައި 56 އެކްސިޑެންޓެއް ހިނގައި، 10 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާޗް މަހުގެ 22 އިން 28 ގެ ނިޔަލަށް މާލޭގެ މަގުތަކުގައި އެކަނިވެސް 49 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އަދި ބްރިޖާއި ހައިވޭގައި 7 އެކްސިޑެންޓެއް ހިނގާފައިވާކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. މި ނުރައްކާތެރި ހާދިސާތަކުގައި ޖުމްލަ 65 އުޅަނދަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
މި މުއްދަތުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގެ ތެރެއިން އެންމެ ގިނަ ހާދިސާތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެގޮތުން ދުވާލު 37 އެކްސިޑެންޓެއް ހިނގާފައިވާއިރު، ރޭގަނޑުގެ ވަގުތުތަކުގައި ހިނގާފައިވަނީ 19 އެކްސިޑެންޓެކެވެ. ފުލުހުންގެ ރެކޯޑުތަކުން ދައްކާގޮތުގައި މީގެ ތެރެއިން 13 އެކްސިޑެންޓަކީ ދެ ސައިކަލު ޖެހިގެން ހިނގާފައިވާ ހާދިސާތަކެވެ. އަދި ސައިކަލަކާއި ކާރެއް ޖެހިގެން 14 އެކްސިޑެންޓެއް ހިނގާފައިވެއެވެ.
ކޮމެންޓު ފޮނުވާ