ޕާޓީގެ ވިސްނުން ދޫކޮށް މާލޭގެ މޭޔަރަކަށް މޫސާ ޖަލީލް ހޮވުމަށް ރައީސް ގޮވާލައްވައިފި

ޕާޓީގެ ވިސްނުން ދޫކޮށް މާލޭގެ މޭޔަރަކަށް މޫސާ ޖަލީލް ހޮވުމަށް ރައީސް ގޮވާލައްވައިފި

Author
ހުސައިން
02 އޭޕްރިލް 2026 07:35
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީގެ ރޫހު ދޫކޮށްލުމަށްފަހު، ގައުމީ ވިސްނުމުގައި މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ ކަންކަމަށް އެންމެ ބޮޑަށް އެއްބާރުލުން ދޭންޖެހޭ މައި އިދާރާއަކީ މާލެ ސިޓީ ކައުންސިލް ކަމަށެވެ. އެހެންކަމުން، ނޮވެމްބަރު 3، 1988 ގައި ގައުމަށްޓަކައި ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ގައުމީ ބަތަލު މޫސާ ޖަލީލަކީ މާލެ ތަރައްގީކުރުމަށް އެންމެ ގާބިލު، މުރާލި އަދި އިހްލާސްތެރި ބޭފުޅާކަން ފާހަގަކުރައްވައި، އޭޕްރީލް 4 ވަނަ ދުވަހު އޮންނަ ވޯޓުގައި އޭނާއަށް ތާއީދުކޮށްދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއަދު ދިވެހިންނަށް މި އަމާންކަން ލިބިފައިވަނީ މޫސާ ޖަލީލް ފަދަ ބޭފުޅުން ކުރެއްވި ހިތްވަރުގަދަ މަސައްކަތުންނެވެ. އެހެންކަމުން މިއީ ސިޔާސީ ޕާޓީގެ ވިސްނުން ކުރިއަށް ނެރެންވީ ވަގުތު ނޫން ކަމަށާއި، އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ވެސް ގައުމީ ވިސްނުން އިސްކޮށް މޫސާ ޖަލީލަށް ވޯޓު ދެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާނަށް ވޯޓު ދެއްވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިހާބާއި އެހެނިހެން ވޯޓުތަކުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ހޮވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ސަރުކާރާ އިދިކޮޅު ފަރާތްތައް އިންތިހާބުވެއްޖެނަމަ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅި، ރައްޔިތުން ބޭނުންވާ ކަންކަން މަޑުޖެހިދާނެކަމުގެ ކަންބޮޑުވުން ރައީސް ފާޅުކުރެއްވިއެވެ. އެހެންކަމުން އަމިއްލަ އެދުމަށްވުރެ ގައުމު އިސްކުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.