ބައި ގަރުނަށްފަހުން އިންސާނުން ހަނދާ ގާތަށް: އާޓެމިސް 2 މިޝަން ފަށައިފި

ބައި ގަރުނަށްފަހުން އިންސާނުން ހަނދާ ގާތަށް: އާޓެމިސް 2 މިޝަން ފަށައިފި

Author
ޙަސަން މުޙައްމަދު
02 އޭޕްރިލް 2026 07:22
0

ބައި ގަރުނެއްހާ ދުވަހަށްފަހު، ހަނދުގެ ވަށައިގެން ދަތުރުކުރުމަށް ނާސާއިން ފޮނުވާ ތާރީޚީ މިޝަން، "އާޓެމިސް 2″ ހަތަރު އެސްޓްރޮނޯޓުންނާއެކު މިއަދު ފަށައިފިއެވެ.

ރާއްޖެ ގަޑިން މިއަދު ފަތިހު 4:24 ގައި ފްލޮރިޑާއިން ނައްޓާލި މި އުޅަނދުގައި ތިބީ އެމެރިކާގެ ރީޑް ވައިޒްމަން، ވިކްޓަރ ގްލޯވާ، ކްރިސްޓީނާ ކޮކްގެ އިތުރުން ކެނެޑާގެ ޖެރެމީ ހެންސަންއެވެ. އެތައް އަހަރެއްގެ މަސައްކަތުންނާއި ބޮޑެތި ޚަރަދުތަކަކަށްފަހު ފެށި، ގާތްގަނޑަކަށް 10 ދުވަހަށް ދެމިގެންދާ މި ދަތުރުގައި އެޕޯލޯ 8 ފަދައިން ހަނދަށް ނުފައިބައި، ހަމައެކަނި ހަނދު ވަށައިގެން ބުރެއް ޖަހާނެއެވެ. މިއީ ހަނދުގެ މިޝަނެއްގައި އަންހެނަކާއި، ކަޅު ނަސްލުގެ މީހެއްގެ އިތުރުން އެމެރިކާ ނޫން ގައުމެއްގެ ރައްޔިތަކު ބައިވެރިވާ ފުރަތަމަ ފަހަރެވެ. އަދި ރޭވިފައިވާ ގޮތަށް މި ދަތުރު ކުރިއަށް ގޮސްފިނަމަ، މިއީ އިންސާނުން ދުނިޔެއާ އެންމެ ދުރަށް ކުރާ ދަތުރަށް ވެގެންދާނެއެވެ.

ނާސާގެ އާ ރޮކެޓް "ސްޕޭސް ލޯންޗް ސިސްޓަމް" (އެސްއެލްއެސް) ބޭނުންކޮށްގެން މީހުންނާއެކު ކުރާ މި ފުރަތަމަ ދަތުރުގެ މައިގަނޑު އަމާޒަކީ ކުރިމަގުގައި ހަނދުގައި ދާއިމީ ބޭހެއް ގާއިމުކުރުމެވެ. ފުރަތަމަ ފެބްރުއަރީ މަހު ފަށަން ތާވަލުކުރި ނަމަވެސް، މައްސަލަތަކެއް ދިމާވެގެން ލަސްވި މި ރޮކެޓަށް ދިޔާ ހައިޑްރޮޖަން އާއި އޮކްސިޖަން އެޅުމުން އޭގެ ބަރުދަން 2،600 ޓަނަށްވުރެ މައްޗަށް ދެއެވެ. އެމެރިކާގެ ސެނެޓަރު މާކް ކެލީ ވިދާޅުވި ގޮތުގައި މިއީ އަށް މިލިއަން ފައުންޑަށްވުރެ ގަދަ ބާރަކާއެކު އުދުއްސާލާ ރޮކެޓަކަށް ވުމުން މިއީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި، ނަމަވެސް މީގެ ސަބަބުން މުޅި ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށެވެ.

އާޓެމިސް 2 ގެ ކާމިޔާބީއާއެކު 2028 ވަނަ އަހަރު ހަނދަށް މީހުން ފޭބުމަށް މަގުފަހިވެގެންދާނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމާޒަކީ އޭނާގެ ދެވަނަ ދައުރު ނިމުމުގެ ކުރިން (2029 ގެ ކުރިން) ހަނދަށް އަލުން އިންސާނުން ފޭބުމެވެ. މިއީ 2030 ގެ ކުރިން ހަނދަށް މީހުން ފޮނުވަން މަސައްކަތްކުރާ ޗައިނާއާ ދެކޮޅަށް އެމެރިކާއިން ކުރާ މުހިންމު މަސައްކަތެއްގެ ގޮތުގައިވެސް ބެލެވެއެވެ. މިކަމާ ގުޅިގެން ޓްރަމްޕް އޭނާގެ 'ޓްރުތް ސޯޝަލް' ގައި ވިދާޅުވީ އެމެރިކާއަކީ ހަމައެކަނި ވާދަކުރާ ގައުމެއް ނޫން ކަމަށާއި، އެއީ ބާރުގަދަ ގައުމެއް ކަމަށާއި، ފަޒާގަޔާއި ބިމުގައިވެސް އެމެރިކާއިން ކާމިޔާބީ ހޯދަމުންދާ މަންޒަރު ބަލަން މުޅި ދުނިޔެ އޮތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.