ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ޤާއިމުކުރި 6 ބްރާންޗަކާއި 90 އޭޓީއެމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބީއެމްއެލްގެ އައު ބްރާންޗްތައް 6 ރަށެއްގައި އެއް ވަގުތެއްގައި އިފްތިތާޙުކޮށްދެއްވާފައެވެ. އަދި ހަމައެއާއެކު މުޅިން އަލަށް ޤާއިމުކުރި 90 އޭޓީއެމްގެ ޚިދުމަތްވެސް ފައްޓަވައިދެއްވިއިރު، އޭގެ ތެރޭގައި ހިމެނެނީ 70 ޑޮލަރު އޭޓީއެމް އާއި ދިވެހި ރުފިޔާގެ 20 އޭޓީއެމްއެވެ. މި ރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި ބީއެމްއެލްގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތްޕުޅެކެވެ. އެގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އެމަނިކުފާނުގެ އިސްނެންގެވުމަށް ފެއްޓެވި "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" މަޝްރޫޢު ވަނީ އެންމެ 9 މަސްދުވަހުގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލާފައެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރަސްމީކޮށް ނިންމާލި މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައި މަދުވެގެން އެއް ސެލްފް ސަރވިސް ބޭންކިންގ ޔުނިޓް ވަނީ ޤާއިމުކޮށްފައެވެ.
މި ޚިދުމަތްތައް ލާމަރުކަޒުވެގެން ދިއުމާއެކު، ރައްޔިތުންނަށް އެރަށެއްގައި ތިބެގެން ފައިސާ ޖަމާކުރުމާއި ނެގުމުގެ އިތުރުން، ފައިސާ ޓްރާންސްފަރ ކުރުމާއި ކްރެޑިޓް ކާޑާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ މުހިންމު ޚިދުމަތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ