ފުލުހުންނަށް ކޯޓަށް ހާޒިރުނުވެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެވޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

ފުލުހުންނަށް ކޯޓަށް ހާޒިރުނުވެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެވޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

Author
ހުސައިން
01 އޭޕްރިލް 2026 03:44
0

ކޯޓަށް ހާޒިރުނުވެ، ޕޮލިސް ސްޓޭޝަންތަކުގައި ތިބެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފުލުހުންނަށް ހެކިބަސް ދެވޭނެ ގޮތަށް ސުޕްރީމް ކޯޓުން ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގުމުގެ ގަވާއިދަށް ގެނައި މި އިސްލާހުގެ ކުރިން، މިގޮތަށް ދުރުގައި ތިބެގެން ހެކިބަސް ދެވޭނީ ހަމައެކަނި މައްސަލަތަކުގައި ހިމެނޭ އެކްސްޕާޓުންނަށެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު، ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާ ފުލުހުންނަށްވެސް، ފުލުހުންގެ މަރުކަޒެއްގައި ތިބެގެން އޮންލައިންކޮށް ހެކިބަސް ދިނުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.

މި އުސޫލުގެ ދަށުން ފުލުހުންނަށް އޮންލައިންކޮށް ހެކިބަސް ދެވޭނީ ވަކި ހާއްސަ ހާލަތްތަކެއް މެދުވެރިވެއްޖެނަމައެވެ. އޭގެ ތެރޭގައި، ފުލުސް މީހާ އަދާކުރާ މަސްއޫލިއްޔަތެއްގެ ގޮތުން ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވުމާއި، މެދުކަނޑާނުލެވޭ ފަދަ ތަމްރީނެއް ފުރިހަމަކުރަމުން ދިއުން، ނުވަތަ މައްސަލަ ބަލާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި މަސައްކަތްކުރަން ޖެހުން ހިމެނެއެވެ.

މީގެ އިތުރުން، މަރުގެ ބޮޑެތި މައްސަލަތަކުގައި އެކްސްޕާޓުން ސީދާ ކޯޓަށް ހާޒިރުވުން ލާޒިމުކޮށްފައި އޮތް ނަމަވެސް، މިއަދު ގެނައި އިސްލާހުގެ ދަށުން ފުލުހުންގެ މައްޗަށް އެ އުސޫލެއް ނުހިނގާނެއެވެ. އެހެންކަމުން، މަރުގެ މައްސަލަތަކުގައިވެސް ފުލުހުންނަށް ކޯޓަށް ހާޒިރުނުވެ މަރުކަޒުތަކުގައި ތިބެގެން ހެކިބަސް ދިނުމުގެ ހުއްދަ މިހާރު ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.