ކުޑަކުދިންތަކަކާއެކު މަސްތުގެ ހާލަތުގައި ހުއްޓާ ހައްޔަރުކުރި މަޝްހޫރު ޓީވީ ޕްރެޒެންޓަރު ނާފިއު ރަޝީދު، އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކުރުމަށްފަހު ކޯޓުން މިނިވަންކޮށްފިއެވެ.
ދައުލަތުގެ މީޑިއާ އާއި ވީޓީވީގައި ކުރިން މަސައްކަތްކޮށްފައިވާ ނާފިއުއާއެކު އިތުރު ބަޔަކު މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ބަންދުން ދޫކޮށްލާފައިވަނީ ނިމިދިޔަ ކުޑަ އީދު ބަންދާ ދިމާކޮށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މައުލޫމާތު ދެއްވި ގޮތުގައި، ނާފިއު ދޫކޮށްލުމަށް ކޯޓުން ނިންމީ އޭނާގެ ސީރިއަސް މެޑިކަލް ކޮންޑިޝަނަކާ ގުޅިގެން ބަންދު މުރާޖައާކޮށްދިނުމަށް ވަކީލުން އެދުމުންނެވެ. ނަމަވެސް އެ ބަލީގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، ނާފިއު ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމާމެދު އަދި އެ މައްސަލައިގައި ހިމެނޭ އެހެން މީހުންގެ ބަންދާމެދު ޕީޖީ އޮފީހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ހެންވޭރުގައި ހުރި އެޕާޓްމަންޓަކުން މި މީހުން ހައްޔަރުކުރިއިރު، އެތަނުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓެއް ފެނިފައިވެއެވެ. އަދި ހައްޔަރުކުރި މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން އެންމެންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. ނާފިއުގެ އިތުރުން މި މައްސަލައިގައި ދެން ހައްޔަރުކުރީ މ. އެތުމާ، އަލީ އަޝްރަފް (35އ) އާއި، ހ. ފިނިކުރި، އިބްރާހިމް ޝިނާން އަހްމަދު (33އ) ގެ އިތުރުން ގދ. ވާދޫ، ޕެރިސް، ލުހާން ސައީދު (41އ) އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ހިމެނޭ އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި 17 އަހަރުގެ ދެ އަންހެން ކުދިންނާއި، 16 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނެއެވެ.
ކޮމެންޓު ފޮނުވާ