އާސަންދައިގެ ދަށުން އިމަރޖެންސީ ނޫން ހާލަތްތަކުގައިވެސް އެމްބިއުލާންސް ޚިދުމަތް ލިބޭގޮތް ހަމަޖައްސައިފި

އާސަންދައިގެ ދަށުން އިމަރޖެންސީ ނޫން ހާލަތްތަކުގައިވެސް އެމްބިއުލާންސް ޚިދުމަތް ލިބޭގޮތް ހަމަޖައްސައިފި

Author
ޙަސަން މުޙައްމަދު
01 އޭޕްރިލް 2026 12:30
0

އިމަރޖެންސީ ނޫން ހާލަތްތަކުގައިވެސް އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމު ސަރުކާރުން މިއަދު ހަމަޖައްސަވައިފިއެވެ.

ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ގެނައި މި އިސްލާހާއެކު މި ބަދަލު ގެންނެވިކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސް ވިދާޅުވީ މިއީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި، މާލީ އަދި އޮޕަރޭޝަނަލް ކަންކަމަށް ބެލުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ. މީގެ ކުރިން މި ޚިދުމަތް ލިބެމުން އައީ ހަމައެކަނި ކުއްލި ހާލަތްތަކުގައެވެ. އެހެންކަމުން ގޭގައި ބަލި އެނދުގައި އޮންނަ މީހުންނާއި މައްޔިތުން އުފުލުން ފަދަ ކަންކަމުގައި އާންމުންނަށް ވަނީ ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އެންސްޕާއިން އާންމުކޮށްފައިވާ އާ ގަވާއިދުގެ ދަށުން މިހާރު 7 ހާލަތެއްގައި އާސަންދައިން އެމްބިއުލާންސް ހަމަޖެހޭނެއެވެ. އޭގެ ތެރޭގައި ކުއްލި ހާލަތްތަކުގެ އިތުރުން، މައްޔިތުން އުފުލުމާއި، އެނދުމަތިކުރެވިފައިވާ މީހުންނާއި ވީލްޗެއަރ ބޭނުންކުރާ މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (ޖިސްމާނީ، ނަފްސާނީ، އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހިމެނޭހެން) އައުޓްޕޭޝަން ޚިދުމަތް ހޯދުމަށް ކުރާ ދަތުރުތައް ހިމެނެއެވެ. އަދި އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަލިމީހުން ބަދަލުކުރުމާއި، އިވެކުއޭޓްކުރާ ހާލަތްތަކުގައި އެއަރޕޯޓް ނުވަތަ ޖެޓީއަށް ބަލިމީހާ ގެންދިއުންވެސް މި ސްކީމްގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދާދިފަހުން އެމްޕީއެލް މެދުވެރިކޮށް 56 ރަށަކަށް އެމްބިއުލާންސް ފޮނުވާފައިވާއިރު، ބޮޑެތި އާބާދީތަކަށް އަމާޒުކޮށްގެން ހޯދާ ޕެރަމެޑިކް އެމްބިއުލާންސްތައްވެސް އަންނަ މަހުގެ ތެރޭގައި ލިބޭނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.