އިންތިޚާބާ ދިމާކޮށް ފުލުހުންގެ މުސާރަ ބޮޑުކުރިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

އިންތިޚާބާ ދިމާކޮށް ފުލުހުންގެ މުސާރަ ބޮޑުކުރިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

Author
ޙަސަން މުޙައްމަދު
31 މާރޗް 2026 07:45
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅުވައިގެން ފުލުހުންގެ މުސާރަ ބޮޑުކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ދޮގުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، މުސާރައަށް އައިސްފައިވާ ބަދަލަކީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ފުލުހުން ބަދަލުވިތާ ދެ އަހަރު ފުރުމާ ގުޅިގެން، އެ ފްރޭމްވޯކުގެ ދަށުން ދޭންޖެހޭ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ބަދަލުވުމުން އައި ކުރިއެރުމެއް ކަމަށެވެ. ޝިފާން ފާހަގަކުރެއްވި ގޮތުގައި، މިއީ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެންވެސް ދެ އަހަރުވުމުން ދިނުމަށް ކަނޑައަޅައި ފާސްކޮށްފައިވާ އެލަވަންސެކެވެ.

މި ބަދަލު ގެނެސްފައިވަނީ ޕޭ ފްރޭމްވޯކްގައި ފާސްކުރެވިފައިވާ އުސޫލުތަކާ އެއްގޮތަށެވެ. އެގޮތުން މި އެލަވަންސް ލިބެނީ އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވުމުގެ އިތުރުން، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވަރެޖްކޮށް 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާފައިވާ ފުލުހުންނަށް އެކަންޏެވެ.

މީގެ ކުރިން 2024 ވަނަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެންވެސް ފުލުހުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސް، މުސާރަ ވަނީ 35 އިންސައްތަ ބޮޑުކޮށްފައެވެ. އެއީ 2009 ވަނަ އަހަރަށްފަހު އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރަ ބޮޑުކުރެވުނު ފުރަތަމަ ފަހަރެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު ހާމަކޮށްފައިވާ ގޮތުގައި، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރައަށް ގެނައި މި ބަދަލުތަކާ ގުޅިގެން ދައުލަތުން މުވައްޒަފުންނަށް ކުރާ ހޭދަ ވަނީ 7.5 އިންސައްތަ އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.