ސްކޭމްތަކުން ގެއްލުނު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ފުލުހުން އަނބުރާ ހޯދައިފި

ސްކޭމްތަކުން ގެއްލުނު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ފުލުހުން އަނބުރާ ހޯދައިފި

Author
ޙަސަން މުޙައްމަދު
31 މާރޗް 2026 05:09
0

ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މަކަރާއި ހީލަތުން މީހުންގެ އަތުން އަތުލާފައިވާ ފައިސާގެ ތެރެއިން 10.1 މިލިއަން ރުފިޔާ ދިވެހި ފުލުހުންގެ ޚިދުމަތުން އަނބުރާ ހޯދައިފިއެވެ.

ފުލުހުންގެ ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި މި ކާމިޔާބީ ހޯދާފައިވަނީ ރާއްޖޭގައި ހިންގާ ބޭންކުތަކާއި މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދިޔަ ޚާއްސަ މަސައްކަތްތަކެއްގެ ތެރެއިންނެވެ. މިގޮތުން 2،259 މައްސަލައަކާ ގުޅިގެން 10،190،879.67 ރުފިޔާ ހޯދާފައިވާއިރު، މި މުއްދަތުގެ ތެރޭގައި ސްކޭމްތަކުގެ ސަބަބުން ޖުމްލަ 27.5 މިލިއަނަށްވުރެ ގިނަ ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން، ކުށްކުރާ ފަރާތްތަކުން ބޭނުންކުރި 235 ފޯނު ނަންބަރަކާއި 452 ޑިވައިސްއެއް ވަނީ ބްލޮކްކޮށްފައެވެ. އަދި މީހުންނަށް އޮޅުވާލައިގެން މައުލޫމާތު ހޯދަން ބޭނުންކުރި 55 ފިޝިންގ ލިންކެއްވެސް ވަނީ ރިޕޯޓުކޮށްފައެވެ. އާންމުގޮތެއްގައި މަކަރާއި ހީލަތް ހެދުމަށް ފޯނު ކޯލުތަކުގެ އިތުރުން އައިބޭ، ފޭސްބުކް މާކެޓްޕްލޭސް އަދި އެކިއެކި މެސެޖިންގ އެޕްލިކޭޝަންތައް ބޭނުންކުރާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި، ފައިސާގެ މުއާމަލާތްތައް ކުރުމުގެ ކުރިން އެ ފައިސާ ފޮނުވެނީ ސައްހަ ފަރާތަކަށްތޯ ޔަގީންކުރުމަށް ފުލުހުން ނަސޭހަތްތެރިވެއެވެ. އަދި އަމިއްލަ ބޭންކް އެކައުންޓާއި ކާޑުގެ މައުލޫމާތު އެހެން މީހުންނާ ހިއްސާނުކުރުމަށާއި، ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް 'ޓޫ ފެކްޓަރ އޮތެންޓިކޭޝަން' ބޭނުންކުރުމަށްވެސް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.