ސައުދިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި

ސައުދިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި

Author
އަލީ ރައޫފް
31 މާރޗް 2026 11:01
0

ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން، "ސައުދިއާ" އިން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފެށިތާ 10 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އިއްޔެ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި ތާރީޚީ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، އިއްޔެ ރާއްޖެއަށް އައި ސައުދިއާގެ ފްލައިޓް ނަންބަރު އެސްވީ838 އިން ދަތުރުކުރި ފަސިންޖަރުންނަށް ވީއައިއޭއިން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި މި އުފާވެރިކަމުގައި ބައިވެރިވުމުގެ ގޮތުން، އެ ފްލައިޓުން ފުރައިގެން ދިޔަ ދަތުރުވެރިންނަށް ވެސް ޚާއްސަ ހަދިޔާތަކެއް ވަނީ ދީފައެވެ.

މީލާދީން 2016 ވަނަ އަހަރުގެ މާރިޗު މަހުގެ 30 ވަނަ ދުވަހު ސައުދިއާއިން ރާއްޖެއަށް ރަސްމީކޮށް ދަތުރުތައް ފަށާފައިވާއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެ އެއާލައިނުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމެއްކަން ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ސައުދީއާއި ރާއްޖެއާ ދެމެދު ބާއްވާ މި ސީދާ ދަތުރުތަކަކީ ދިވެހިންނަށް ނުހަނު މުހިންމު ދަތުރުތަކެކެވެ. ޚާއްސަ ގޮތެއްގައި މާތްވެގެންވާ މައްކާއަށް ހައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގައި ސައުދިއާއިން ނުހަނު ބޮޑު އަދި މުހިންމު ދައުރެއް އަދާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.