ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 1،190 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މީގެ ކުރިން މިފަދަ ބޮޑެތި މަޝްރޫޢުތައް ނިންމަން ދިގު މުއްދަތެއް ނެގި ނަމަވެސް، މި ފަހަރުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްގޮސް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި މިއީ ގިނަ ދިވެހި އާއިލާތަކަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ މެދުވެރިކޮށް ކުރިއަށްގެންދާ މި ހައުސިންގ ޔުނިޓުތަކަކީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ. މި ތަންތަން ދޫކުރުމަށް ހަމަޖެހިފައިވަނީ ކުލި ދައްކައިގެން ދިރިއުޅެ، ވަކި މުއްދަތެއްގެ ތެރޭގައި މިލްކުކުރެވޭ "ރެންޓް-ޓު-އޯން" މޮޑެލްގެ ދަށުންނެވެ. ބީއެމްއެލްއިން ލަފާކުރާ ގޮތުގައި މި ފްލެޓްތަކުގެ މަހު ކުއްޔަކަށް އުޅޭނީ ގާތްގަނޑަކަށް 10،000 ރުފިޔާއެވެ.
މި މަޝްރޫޢުގެ އިތުރުންވެސް މާލެ ސަރަހައްދުގައި ބީއެމްއެލްގެ ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ. އެގޮތުން ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ސީއެމްއީސީއާ ހަވާލުކޮށްގެން އަޅާ 1،224 ޔުނިޓާއި، ވިލިމާލޭގައި އާރްސީސީއާ ހަވާލުކޮށްގެން އަޅާ 300 ޔުނިޓުގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެފް ޑަބްލިއު ކޮންސްޓްރަކްޝަނުން އަޅާ 182 ޔުނިޓުގެ އަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މިއާއެކު ޖުމްލަ 3،260 ހައުސިންގ ޔުނިޓު މި ބިޔަ މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ