ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ދަފްތަރު ނަންބަރު ދރ 2069، ހަމްދޫން އަހްމަދު (31އ) ނުވަ އަހަރާއި 10 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފެބްރުއަރީ 7، 2024 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން މ. ޝަބީނާ ގޭގެ އަށްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހުގައެވެ. މި އޮޕަރޭޝަނުގައި އެތަނުން 208 ގްރާމްގެ ކެނަބިސް ފެނިފައިވާއިރު، އެ ތަކެތި ހުރީ ފިލްމު ހުސްކުރި ދަޅުތަކަކާއި ސެލޯފިންކޮޅުތަކެއްގައި ޕެކްކޮށްފައެވެ. މީގެ އިތުރުން މަސްތުވާތަކެތި ކިރަން ބޭނުންކުރާ ޑިޖިޓަލް ކައްޓާއަކާއި، ސެލޯފިން ރޯލެއްވެސް ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މި މަހުގެ 25 ވަނަ ދުވަހު ހުކުމްކުރީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ހަމްދޫން ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމާ އެއްގޮތަށެވެ. އެގޮތުން އޭނާގެ މައްޗަށް 12 އަހަރާއި 6 މަހުގެ ޖަލު ހުކުމަކާއި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ވަނީ އިއްވާފައެވެ. ނަމަވެސް، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި ދެ އަހަރާއި އެއް މަހާއި 18 ދުވަސް އުނިކުރުމަށްފަހު، އޭނާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 9 އަހަރާއި 10 މަހާއި 12 ދުވަސްކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ޖޫރިމަނާ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރުމަށްވެސް ކޯޓުން ވަނީ އަންގާފައެވެ.
ފުލުހުން ބުނެފައިވަނީ މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބުނު ކާމިޔާބީއެއް ކަމަށާއި، މިފަދަ ކުށްތައް ކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ