ގދ. ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި މަޝްރޫއު ކުރިއަށްދާ ސްޕީޑް ލަސްވެފައިވަނީ ދައުލަތުގެ ބަޖެޓުގެ ބަދަލުގައި އިންވެސްޓަރ ފައިނޭންސް މޮޑެލްއެއްގެ ދަށުން މިކަން ކުރުމަށް އެންމެ އެކަށީގެންވާ ގޮތެއް ހޯދުމަށް ވަގުތު ނަގާތީކަމަށެވެ. ނަމަވެސް މަސައްކަތް އެއްކޮށް ހުއްޓިފައި ނުވާކަމަށާއި، ޕްލޭނިންގ މަރުހަލާ މިހާރު ނިމުމަކާ ގާތްވެފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ތިނަދުއާއި ހުވަދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މި ވައުދުފުޅުގެ ދަށުން، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކުރުމުގެ އިތުރުން، ގދ. ތިނަދުއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސް ވިދާޅުވީ މިކަމަށް "ރިއަލިސްޓިކް" ޓާގެޓްތަކެއް ކަނޑައަޅައިގެން މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ.
މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާއިން ހިންގަމުން އަންނަ މި އެއާޕޯޓް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތްތަކެއްވެސް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވިލާ އަތުން މި އެއާޕޯޓް އަތުލުމުން އުފެދުނު ގާނޫނީ މައްސަލަތަކަކަށްފަހު، އެއްބަސްވުން ބާތިލުކުރީ ގޯސްކޮށްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ނިމިދިޔަ ސަރުކާރުން ވަނީ އަލުން ވިލާއާ އެތަން ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ