ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

Author
އަހުމަދު
30 މާރޗް 2026 12:05
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީ ކުންފުންޏަކުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝަރަފުވެރިކަމާއެކު އަޅުއްވައިދެއްވައިފިއެވެ.

"ބީއެމްއެލް އެފޯޑަބަލް ލީޒިންގ" މެދުވެރިކޮށް ހިންގާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީއާއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މަސައްކަތާ ޙަވާލުވި ކުންފުނީގެ އިސްވެރިންނާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 900 އަކަފޫޓުގެ ޖާގަ ތަނަވަސް، ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

މިއީ ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ނުވަތަ "ލީސް-ޓު-އޯން" އުސޫލުން ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަނެވެ. ސަރުކާރުން މަޢުލޫމާތު ދޭގޮތުގައި، މި ބޮޑު ސްކީމްގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގެ ދެ ފިޔަވައްސާއި ވިލިމާލޭގައި ޖުމްލަ 3،260 ހައުސިންގ ޔުނިޓް ތަރައްޤީކުރުމެވެ. އަދި މި ހުރިހާ މަޝްރޫޢެއްގެ މަސައްކަތްތައް 2028 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ވަނީ އަމާޒުހިފާފައެވެ.

މި ސްކީމްގެ ދަށުން ހިނގާ އިތުރު ދެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތްވެސް މި މަހުގެ ތެރޭގައި ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާގެ ސީއެމްއީސީ ކުންފުންޏާ ޙަވާލުކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 1،224 ޔުނިޓާއި، އާރްސީސީ އާ ޙަވާލުކޮށްގެން ވިލިމާލޭގައި ތަރައްޤީކުރާ 300 ޔުނިޓުގެ މަސައްކަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.