ގދ. މަޑަވެލީގެ ބިން ހިއްކުމާއި ހައުސިން މަޝްރޫއު އަދި ހޯނޑެއްދޫ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ގދ. މަޑަވެލީގެ ބިން ހިއްކުމާއި ހައުސިން މަޝްރޫއު އަދި ހޯނޑެއްދޫ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

Author
އަހުމަދު
28 މާރޗް 2026 08:17
0

ގދ. މަޑަވެލީގެ ބިން ހިއްކުމާއި 50 ހައުސިން ޔުނިޓް އެޅުމުގެ އިތުރުން، ގދ. ހޯނޑެއްދޫގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ދެ ރަށުގައި ވަކިވަކިން ކުރިއަށްދިޔަ ރަސްމިއްޔާތުތަކުގައި މި ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. މި ރަސްމިއްޔާތުތަކުގައި މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒާއި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދުގެ އިތުރުން ކޮންޓްރެކްޓަރުންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މަޑަވެލީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 175 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 19.17 ހެކްޓަރުގެ ބިން ހިއްކައި، 1،645 މީޓަރުގެ ރިވެޓްމެންޓަކާއި 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާނެއެވެ. ހަމައެއާއެކު، އެ ރަށުގައި އަޅާ 3 ކޮޓަރީގެ 50 ހައުސިން ޔުނިޓުގެ މަސައްކަތް 450 ދުވަހުން ނިންމަން ހަވާލުކޮށްފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ މިމްސް ކޮންސްޓްރަކްޝަނާއެވެ.

ހޯނޑެއްދޫ މަގު ހެދުމުގެ މަޝްރޫއުވެސް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. 93.06 މިލިއަން ރުފިޔާއަށް 720 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫއުގެ ދަށުން، އެ ރަށުގެ 3.33 ކިލޯމީޓަރުގެ 7 މަގެއްގައި ތާރު އަޅައި، ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.